ފައިސަލް ނަސީމް

ރައްޔިތުންގެ ނިންމުމަށް އިހްތިރާމު ކުރަންޖެހޭނެ: ފައިސަލް

ރިޔާސީ އިންތިހާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ކުރިއަށް ދިޔަ ނަމަވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ގައުމައިގެން ކުރިއަށް ދިއުމަށް ނައިބް ރައީސް ފައިސަލް ނަސީމު އިލްތިމާސް ކުރައްވައިފި އެވެ.

ނައިބް ރައީސް ފައިސަލް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ފައިސަލް ވަނީ މި އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބު ކަމަށްވީ ނަމަވެސް ހުރިހާ ކަމެއް އަދި ކުރިއަށްދަނީ ވަރަށް އަމާންކަމާ އެކު ކަމަށް ފާހަގަކުރައްވާފަ އެވެ.

ވޯޓުލުމަކީ އަސާސީ ހައްގެއް ކަން ފާހަގަކުރެއްވުމަށްފަހު ނައިބް ރައީސް ވަނީ ވޯޓުލުމުގެ ހައްގު ހުރިހާ ފަރާތްތަކަކުންވެސް ބޭނުން ހިފުމަށް އެދިވަޑައިގެންފަ އެވެ.

ނައިބް ރައީސް ވިދާޅުވީ އިންތިހާބުގައި މިއަދު ނިންމާ ނިންމުމަކީ ދިވެހި ރައްޔިތުންގެ ނިންމުން ކަމަށެވެ. އެހެންކަމުން އެ ނިންމުމަށް ހުރިހާ ރައްޔިތުންވެސް އިހްތިރާމުކޮށް ގައުމައިގެން ކުރިއަށް ދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

"އެ ނިންމުން އެއީ ރައްޔިތުންގެ ނިންމުން. އެހެންކަމުން އެ ނިންމުމަށް އިހްތިރާމް ކުރަންޖެހޭނެ،" ނައިބް ރައީސް ފައިސަލް ވިދާޅުވި އެވެ.