ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރަނިންމޭޓަކަށް ވުމަށް ނައިބް ރައީސް ފައިސަލް ނަސީމު ޝައުގުވެރިކަން ފާޅުކުރައްވައިފި އެވެ.
ރައީސް ސޯލިހްގެ ރަނިންމޭޓަކަށް ހުންނަވައިގެން ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފައިސަލް ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފަ އެވެ. އަދި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ދަށުން އެންމެ ގިނަ ދުވަހު ނައިބް ރައީސް ކަން ކުރެއްވެވި ބޭފުޅަކީވެސް ފައިސަލް ނަސީމު އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި މިއަދު ބައިވެރިވެވަޑައިގެން ފައިސަލް ވިދާޅުވީ ގައުމަށް ހިދުމަތް ކުރެއްވުމުގެ ޝައުގު އަބަދުވެސް ހިތްޕުޅުގައި އޮތީތީވެ އަދި ސަރުކާރުގެ ތެރެއިން މިހާރު ފަށާފައިވާ އިޖުތީމާއި މަސައްކަތްތައް ނިންމާލުމަށް ބޭނުންވާތީވެ ރައީސްގެ ރަނިންމޭޓް ކަމަށް ޝައުގުވެރިވާ ކަމަށެވެ. އެކަމަކު ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމެވުމުގައި އެއްވެސް ޝަރުތެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
"އެކަމުގެ ޝައުގުވެރިކަން ވާނީ ފާޅުކޮށްފައި. ކަން ނިންމެވުން ދެން އެއީ މުޅިން އެހެން ކަމެއް. އަޅުގަނޑަކީ އަޅުގަނޑާ ހަވާލުވާ ކަންކަން ވީހާވެސް ރަނގަޅަށް ކުރާ މީހެއް،" ފައިސަލް ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުން ފައިސަލް ވިދާޅުވީ ރައީސް ސޯލިހަށް ކުޑަރަށެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި ހުރިހާ ރައްޔިތުންނަށްވެސް އަސާސީ ހިދުމަތްތައް ލިބެންޖެހޭ ކަމަށް ގަބޫލުކުރައްވައިގެން އެކަންކަން ކުރެއްވި ބޭފުޅެއް ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައީސް ސޯލިހަކީ ވެރިކަމުގެ ފަސް އަހަރު ތަޖުރިބާ ކުރެވިފައި ހުންނެވި ބޭފުޅަކަށް ވާތީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށްވެސް ގަބޫލުކުރައްވާ ކަމަށެވެ. ރައީސް ސޯލިހަކީ ބަސް މަދު އަމަލު ގިނަ އަދި އަޒުމު ވަރުގަދަ ބޭފުޅެއްގެ ގޮތުގައިވެސް ސިފަކުރެއްވި އެވެ.
މިޕްރޮގްރާމުގައި ފައިސަލް ވަނީ އޭނާގެ ޕާޓީ -- ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. ގާސިމާއި ފައިސަލްގެ ގުޅުން ގޯސްކަމަށް ބައެއް މީހުން ބުނި ނަމަވެސް ފައިސަލް އެކަން ދޮގުކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ އެމަނިކުފާނަށް ނައިބް ރައީސްކަން ލިބިވަޑައިގަތުމުންވެސް އަދި މިފަހަކުން ވެސް ގާސިމް ބައްދަލުކުރެއްވި ކަމަށެވެ. ގާސިމް އަބަދުވެސް ދެއްވާ ނަސޭހަތަކީ ރައީސުލްޖުމްހޫރިއްޔާއަށް އަބަދުވެސް ވަފާތެރިވުމަށާއި ކުރައްވާ ކަމެއް ރަނގަޅަށް ކުރެއްވުން ކަމަށެވެ. މަސައްކަތް ކުރައްވަނީ ގާސިމްގެ ނަސޭހަތުގެ މަތީގައި ކަމަށްވެސް ވިދާޅުވި އެވެ.
އަނބިކަނބަލުންނާ ގުޅޭގޮތުން ނައިބް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގައި އެންމެ މުހިއްމު އެއް ހިއްސާދާރަކީ އަނބިކަނބަލުން ކަމަށެވެ. މަސައްކަތުގައި ގިނަ ވަގުތު އުޅުއްވާއިރު ގޭތެރޭގެ ކަންކަމާއި ދަރިންގެ ކަންކަން އަނބިކަނބަލުން ވަރަށް ފުރިހަމައަށް ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.