ޓޫރިޒަމް

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ހަންކެޑެއާ ގާފަރުފަޅު

ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓްތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްގީކުރާ ސަރަހައްދެއް ކަމުގައި އައްޑޫ ސިޓީގެ ހަންކެޑެ އަދި ކ. ގާފަރުފަޅު ކަނޑައަޅައިފި އެވެ.

މި ދެ ރަށަކީ ޓޫރިޒަމް ތަރައްގީކުރަން ކަނޑައަޅާފައިވާ ދެ ސަރަހައްދު ކަމަށް ކަނޑައަޅައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ހާއްސަ ދެ ގަރާރެއް ނެރުއްވާފަ އެވެ.

ރައީސް ސޮއިކުރައްވާފައިވާ އެ ދެ ގަރާރުގައިވާ ގޮތުން ހަންކެޑެ އަދި ގާފަރުފަޅު ކުއްޔަށް ދޫކޮށްފައި ވަނީ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަނަށެވެ. މި ރަށްތަކުގައި ޓޫރިޒަމް ތަރައްގީ ކުރާނީ އެ ކުންފުނިންނެވެ.

ގަރާރުގައިވާ ގޮތުން ގާފަރުފަޅު ތަރައްގީކުރަނީ ޕްރައިވެޓް އައިލެންޑް މޮޑެލްގެ ދަށުންނެވެ. އަދި ހަންކެޑެ ތަރައްގީ ކުރާނީ އިންޓަގްރޭޓަޑް ޓޫރިޒަމް މޮޑެލްގެ ދަށުންނެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ތަކެއް ގެނެސްގެން ރާއްޖެއަށް ތައާރަފުކޮށްފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ދަށުން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ވަނީ ހުޅުވައިލެވިފަ އެވެ.

އަދި ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމުން މި އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި އެވެ.