މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން

ހަންކެޑެއަށް ފައިސާ ހޯދައި، ކުރެހުން ދައްކާލައިފި

Jan 27, 2023
3

އައްޑޫ ސިޓީގެ ހަންކެޑެ ތަރައްގީކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަން އިއުލާންކޮށް އެ ރަށް ތަރައްގީކުރުމުން އޮންނާނެ ގޮތުގެ ކުރެހުންތައް ހާމަކޮށްފި އެވެ.

ހަންކެޑެ އަށް ފައިސާ ހަމަޖެހިފައިވާ ކަން ސަރުކާރުގެ ފަރާތުން ހާމަކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގެ ފަހު ޖަލްސާގައި ރޭ އައްޑޫ ސިޓީގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަންކެޑެ މަޝްރޫއަށް ފެށުމަށް ތައްޔާރުވަމުންދާތީ މިމަޝްރޫއާ އެކު އައްޑޫ ސިޓީއަށް އެމަނިކުފާނު ވެވަޑައިގެންނެވި 8،000 ޓޫެރިސްޓް އެނދުގެ ވައުދު ފުދިގެންދާ މަންޒަރު ރައްޔިތުންނަށް ފެންނާނެ ކަމަށެވެެ.

ހަންކެޑެ އަކީ މަރަދޫއާއި ގުޅިފައިވާ ރަށަކަށްވީ ނަމަވެސް ސަރުކާރުން ނިންމާފައިވަނީ މަރަދޫގެ އިތުރުން ހަންކެޑެ އާއި ގުޅިފައިވާ ގައުކެނޑިވެސް ހަންކެޑެއާއި ވަކިކޮށްލުމަށްފަހު އެ ރަށް ތަރައްގީކުރާށެވެ. މިމަސައްކަތަށް އައްޑޫ ލިންކް ރޯޑަށްވެސް ބަދަލ\ުތަކެއް ގެންނަންޖެހޭތީ ތިލަމާލެ ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. އެފްކޮންސް އަކީ އައްޑޫގެ މަގުތައް ވެސް ތާރުއަޅައިގެން ހަދަމުންދާ ކުންފުންޏެވެ.

ހަންކެޑެ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަން އެންމެ ފުރަތަމަ ހާމަކުރީ ޑިސެމްބަރު 2، 2021 ގައެވެ.

ހަންކެޑެ ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ފޮޓޯތައް މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ސޯޝަލްމީޑިއާގައި ހާމަކުރީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ.

ހަންކެޑެ ތަރައްގީކުރުމަށް ނިންމާފައިވަނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގަ އެވެ. އޭރުން ރިސޯޓުގެ އެކި ވަސީލަތްތައް ތަަރައްގީކުރާނީ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ތަފާތު ވައްތަރުތަކާއި ގޮތްތައް ހިމެނޭ ގޮތަށެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ބުނީ މިމަޝްރޫއު ނިމުމުން އެކި ވައްތަރުގެ 1،041 ކޮޓަރި ހުންނާނެ ކަމަށާއި މިމަޝްރޫއާ އެކު އައްޑޫ ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެ ކަމަށެވެ.