ދުނިޔެ

ތިމާވެށީގެ ބޮޑު އެއްބަސްވުމަށް ގައުމުތަކަށް އެއްގަލަކަށް އެރިއްޖެ

ގާތްގަނޑަކަށް ދެ ހަފްތާގެ ދިގު މަޝްވަރާތަކަކަށް ފަހު، ކޮޕް 21 ސަމިޓްގެ ތިމާވެށީގެ އެއްބަސްވުމުގެ ޑްރާފްޓަށް ގައުމުތަކަށް އެއްބަސްވުމަކަށް އެންމެ ފަހުން އާދެވިއްޖެ އެވެ.

ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ކޮޕް21 ސަމިޓްގެ ރިޔާސަތު ބަލަހައްޓަވާ ފްރާންސްގެ ހާރިޖީ ވަޒީރު ލޯރެން ފަބިއަސްގެ އޮފީހުގެ އޮފިޝަލުން ވިދާޅުވަނީ، ދެހަފްތާގެ ދިގު އަދި އުނދަގޫ މަޝްވަރާތަކަކަށްފަހު އެއްބަސްވުމަކަށް އައި، މި ޑްރާފްޓް މިއަދުގެ ވަގުތެއްގައި އާންމު ކުރާނެ ކަމަށެވެ.

މި ޑްރާފްޓާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވި ނަމަވެސް މި ޑްރާފްޓް ފައިނަލް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށް އޮފިޝަލުން ޔަގީންކޮށްދެ އެވެ. މިހާރު ކުރިއަށް ދަނީ އދ. ގައި ބޭނުން ކުރާ ރަސްމީ ހަ ބަހަށް ތަރުޖަމާ ކުރުމެވެ.

މި ޑްރާފްޓް ފާސްވާނީ ވަޒީރުންނަށް ޑްރާފްޓް ހުށަހެޅުމަށްފަހު ވަޒީރުން ދެކޮޅު ނުހަދާ ނަމަ އެވެ.

މިދިޔަ މަހުގެ 30 އިން ފެށިގެން 12 ދުވަހުގެ މުއްދަތަށް ޕެރިހުގައި ކުިރއަށް ގެންދާ މި ސަމިޓްގެ ސުން ގަޑިއަކީ ރޭ ކަމުގައި ވިޔަސް، ފަހު ޑްރާފްޓްގައި އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން މިއަދާއި ހަމައަށް މުއްދަތުވަނީ އިތުރުކޮށްފަ އެވެ. ދުނިޔޭގެ 195 ގައުމަކުން ބައިވެރިވެގެން ކުރިއަށް ގެންދާ މަޝްވަރާތަކުގެ ބޭނުމަކީ ކިޔޯޓޯ މުއާހަދާގެ މުއްދަތު 2020 ގެ ފަހުން ހަމަވުމުން ދެން އަމަލު ކުރާނެ އެއްބަސްވުމެއް ތައްޔާރު ކުރުމެެވެ.