ދުނިޔެ

އދ.ގެ އެންޓި ކޮރަޕްޝަން ކޮންފަރެންސް މިސްރުގައި

މިސްރުގެ ޝަރުމުއްޝައިޚް ގައި އދ.ގެ އެންޓި ކޮރަޕްޝަން ކޮންފަރެންސް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ. ސެޝަންތައް ބާއްވަން ހަމަޖައްސާފައި ވަނީ މިމަހުގެ 13-17 އަށެވެ.

އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި އދ.ގެ މެންބަރު ގައުމުތަކުން ގިނަ އަދަދަކަށް މަންދޫބުން ބައިވެރިވާނެ ކަމަށް އދ. އިން ބުނެ އެވެ. އަދި ސަރުކާރު ބައިވެރިވާ ޖަމާއަތްތަކާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވެސް ބައިވެެރިވާނެ އެވެ.

އދ. އިން އުއްމީދުކުރާ ގޮތުން އަމިއްލަ ޖަމާއަތްތަކާއި ވިޔަފާރި ކުންފުނިތަކުން އޮފިޝަލުން ބައިވެރިވާނެ އެވެ. އިޖުތިމާއީ މަސައްކަތްތެރިނަށް ވެސް ދައުވަތު ދެވޭނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮންފަރެންސް އިންތިޒާމްކުރާ އދ.ގެ އޮފިޝަލުން ބުނާ ގޮތުން 1000 އަށް ވުރެ ގިނަ މީހުން ސަމިޓްގައި ބައިވެރިވާން މިސްރަށް ދަތުރުކުރާނެ އެވެ.

އެންޓި ކޮރަޕްޝަން ކޮންފަރެންސެއް ބޭއްވުމުގެ ބޭނުމެއް ކަމަށް އޮފިޝަލުން ބުނަނީ މި މާނާގައި ދުނިޔޭގައި ހިނގާފައި ހުރި އަދި ހިނގަމުންދާ ހާދިސާތަކަށް ހޭލުންތެރި ކުރުވުން ކަމަށެވެ. ކޮރަޕްޝަން ނައްތާލުމަށް ތައުލީމީ އޮނިގަނޑުގެ ތެރެއިން ކުރެވެން ހުރި ކަންތައްކާ ބެހޭ ގޮތުން މައުލޫމާތު ދެވޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އދ. އިން ބުނީ މި ކޮންފަރެންސްގައި އެންމެ ބޮޑު ސަމާލުކަމެއް ދެވޭނީ ކޮރަޕްޝަންގެ އަމަލުތައް އެންމެ ގިނަ ބައްރުތަކަށް ކަމަށެވެ. އަދި ކޮރަޕްޝަން ނައްތާލަން ގައުމުތަކުން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް ސަމާލުކުރުވޭނެ ކަމަށެވެ.