ދުނިޔެ

އިނގިރޭސި ބޮޑުވަޒީރު ކޮޕް27ގައި ބައިވެރިވެވަޑައި ނުގަންނަވާނެ

އދ. އިން އަހަރަކު އެއްފަހަރު ބާއްވާ ކްލައިމެޓް ޗޭންޖް ކޮންފަރެންސް -- ކޮޕް ސަމިޓްގައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނާކް މި ފަހަރު ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އޭނާގެ އޮފީހުން ބުނެފި އެވެ.

މި އަހަރުގެ ކޮޕް ސަމިޓް -- ކޮޕް27 ބާއްވަނީ މިސްރުގެ ޝަރުމުއްޝައިޚްގައި ނޮމެމްބަރު 6 އިން 18 އަށެވެ.

އިނގިރޭސި ބޮޑުވަޒީރު ކޮޕް27ގައި ބައިވެރިވެވަޑައި ނުގަންނަވާ ސަބަބެއް ކަމަށް ބުނެފައި އޮތީ ހަމަޖައްސަވަން ޖެހިވަޑައިގެންފައި ހުރި ދާޚިލީ ކަންތައްތައް ގިނަވުމެވެ.

ބޮޑުވަޒީރުގެ ބަދަލުގައި ކެބިނެޓްގެ އިސް ވަޒީރުން ކޮޕް27 ގައި ބައިވެރިވެވަޑައިގަތުމަށް މިސްރަށް ވަޑައިގަންނަވާނެ ކަމަށް އޮތީ ބުނެފަ އެވެ.

ރިޝީ ސުނާކް އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންނެވިއިރު އިނގިރޭސިވިލާތުގެ މަޝްރަހު އޮތީ ޚަރާބުވެފަ އެވެ.

އޭނާގެ ކުރިން އެ މަގާމު ފުރުއްވި ބޮރިސް ޖޯންސަން އާއި ލިޒް ޓްރަސްއަށް ހެއްދެވިފައި ހުރި ބައިވަރު ގޯސްތަކެއް ހެޔޮ ފާލަށް އަޅުއްވަން ޖެހިވަޑައިގެންފައި މިއޮތީ ސުނަކަށެވެ.

އިގުތިސޯދީ ގޮތުން އެކި ސަރުކާރުން އެކުލަވާލި ސިޔާސަތު ފުށުއަރައި އެކި ފަހަރު އެކި ގޮތް ހަދަން އުޅެގެން މަސްލަހަތު އޮތީ ގެއްލިފަ އެވެ. ލިޒްގެ ސަރުކާރުން ވިޔަފާރި ޓެކްސް ކުޑަކުރަން ނިންމެވި ނިންމެވުމަކީ އޭނާއަށް ހެއްދެވުނު ވަރަށް ބޮޑު ގޯހަކަށް އޮތީ ވެފަ އެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގަށް އައި ބަދަލާ ގުޅިގެން އިނގިރޭސިވިލާތަށް ވެސް ވަނީ ބާރުބޮޑުވެފަ އެވެ. އާންމުންގެ ދިރިއުޅުމުގެ ފެންވަރު އެއްވާނެއްގައި ދެމެހެއްޓުމަށް ސަރުކާރުން އެކުލަވާލި އެއްވެސް ސިޔާސަތެއް ކޮޅެއްގައި ޖެހޭ ގޮތް އަދި އޮތީ ނުވެފަ އެވެ.

އިނގިރޭސިވިލާތް ޔޫރަޕުން ވަކިވެ އިގުތިސޯދީ ވަކި ބާރެއް އުފައްދަން ބޮރިސް ޖޯންސަންގެ ސަރުކާރުން އަމާޒުހިފި ނަމަވެސް ދުނިޔެއަށް ލައިގަތް ކޮވިޑާ ހެދި ސިޔާސަތު ވަނީ އޮޔާ ގޮސްފަ އެވެ.

ބޮރިސް ޖޯންސަންގެ ސަރުކާރުގައި މާލީ ވަޒީރުގެ މަގާމުގައި ހުންނެވީ ސުނާކް އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަހުން އިނގިރޭސިން ތަޖުރިބާކުރި ގޮންޖެހުންތަކުގައި ގައުމު ދެމެހެއްޓުނީ މާލީ ވަޒީރުގެ މަގާމުގައި އޭނާ ހުންނެވުމުންނެވެ. އެހެންކަމުން ބެލެވެނީ ސުނާކުގެ ބޮޑުވަޒީރު ކަމުގައި އިނގިރޭސިވިލާތް މިހާރު އޮތް ހާލަތުން އަރައިގަނެ ވަޔަށް ދުވަން ފަށާނެ ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރުގެ ތަރުޖަމާން ވިދާޅުވި ގޮތުގައި ކޮޕް27 ގައި ބޮޑުވަޒީރު ބައިވެރިވެވަޑައި ނުގަންނަވަނީ އިނގިރޭސިވިލާތުން ތިމާވެއްޓަށް ލޯބިނުކުރާތީ ނޫން ކަމަށެވެ. އަދި ތިމާވެށީގެ މައުލޫތަކުގައި ހުރި ކަންބޮޑުންތަކަށް އަޅާލަން ބޭނުންނުވާތީ ވެސް ނޫން ކަމަށެވެ.

އެކަމުގެ ހެއްކަކަށް ތަރުޖަމާން ދެއްކެވީ މިދިޔަ އަހަރު ސްކޮޓްލެންޑްގައި އޮތް ކޮޕް ސަމިޓް -- ކޮޕް26 އެވެ. ކޮޕް26 ރާވައި އިންތިޒާމުކޮށް އަދި ބޭއްވީ ވެސް އިނގިރޭސިވިލާތުގަ އެވެ.

އޭނާ އަދި ވިދާޅުވީ އދ. ގެ މޫސުމީ ސަމިޓެއް ދޫކޮށްލުމަށް އިނގިރޭސިވިލާތަށް އުޒުރެއް ނޯންނާނެ ކަމަށެވެ.