ދުނިޔެ

"މޫސުމީ ބަދަލުތަކަށް އެހީވުމުގައި ހުޅަނގު އޮތީ ފޭލިވެފައި"

މޫސުމީ ބަދަލުތަކުގެ ނިކަމެތިކަމުންނާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތައް ފޫބެއްދުމަށް ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމުގައި ހުޅަނގު އޮތީ ވަރަށް ބޮޑު ފޭލިވުމަކުން ފޭލިވެފައި ކަމަށް ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ މޮޓްލޭ ވިދާޅުވެއްޖެ އެވެ.

މިސްރުގެ ޝަރުމުއްޝައިޚްގައި މިހާރު ކުރިއަށްދާ ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް -- ކޮޕް27 ގައި ވާހަކަދައްކަވަމުން މޮޓްލޭ ވިދާޅުވީ ކުރިއަރާފައިވާ ގައުމުތައް ތަރައްގީވާން ކުރާ މަސައްކަތުގައި ހުރިހާ ގުރުބާނީއެއް ވާންޖެހެނީ ކުރިއަރަމުން އަންނަ ގައުމުތަކަށް ކަމަށެވެ.

މުއްސަނދި ގައުމުތަކަށް ކާންދިނުމަށް އަދި އެ ގޮތުގައި ތަރައްގީވުމަށް ހުރިހާ ދަލެއް އޮހޮރުވަން ޖެހެނީ ވެސް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭ ވަރު ނެތް ނިކަމެތި ގައުމުތަކުން ކަމަަށް ވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

މޮޓްލޭ ވިދާޅުވި ގޮތުގައި ކަން އޮންނަން ޖެހޭ ގޮތަކީ އެއީ ކަމަށް ހުޅަނގަށް ގަބޫލުކުރެވޭ ނަމަ އިންސާފުގެ އެއްވެސް މިންވަރެއް އެ މީހުންގެ ކިބާގައި ނެތީ އެވެ.

ޖައްވު ނުސާފުވުމާއި އިންސާނުން ތަރައްގީވުމަށް ކުރާ މަސައްކަތްތަކުން މޫސުމަށް ބަދަލުތަކެއް އަންނަ ނަމަ އެ ޒިންމާ އުފުލަން ޖެހޭނީ މުއްސަނދި ގައުމުތަކުން ކަމަށްވެސް ބާބޭޑޯސްގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކުން މޫސުމަށް ފަރުވާކުރަން ހޭދަކުރަން ޖެހޭ އެއްވެސް ގޮތެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ނިކަމެތި ގައުމުތަކަށް އެހީތެރިވާން ޖެހޭނީ ހުޅަނގުގެ މުއްސަނދި ގައުމުތަކުން ކަމަށްވެސް މޮޓްލޭ ވިދާޅުވި އެވެ.

ޖައްވު ކޮށިއަރާ ބާވައްތަކުގެ ވިހަ ގޭހާއި ސިނާއީ މަރުކަޒުތަކުން ބޭރުކުރާ ވިހަ ދުމަށް ޒިންމަވާން ޖެހެނީ ހުޅަނގުގެ އިންވެސްޓަރުން ކަމަށް ވެސް މޮޓްލޭ ވިދާޅުވި އެވެ.

ކޮޕް ސަމިޓް ފެށުމުގެ ގޮތުން މިސްރުގެ ޚާރިޖީ ވަޒީރު ސަމީހް ޝުކުރީ ދެއްކެވި ވާހަކަތަކުގައި ވެސް ވަނީ މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އެފްރިކާގެ ނިކަމެތި ގައުމުތަކަށް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ އަދި ވިދާޅުވީ ޖައްވަށް ގެއްލުން ލިބޭ ޒާތުގެ އެއްވެސް ކަމެއް އެ މީހުން ނުކުރާއިރު ވެސް -- އެ ގެއްލުންތަކުން ލިބޭ އަނިޔާ ކެތްކުރަން ޖެހޭ ކަމަށެވެ.

ފަގީރު އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ބަދަލު ދެވޭނެ ނިޒާމެއް އޮތުމަކީ އެ ނިކަމެތިކަމުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔެ ހޫނުވުމަށް ބާރުއަޅާ ހުރިހާ މަސައްކަތެއް އަމާޒުވެފައި އޮތީ ޖީ20 އަށް ނިސްބަތްވާ ގައުމުތަކުގައި ކަމަށް އދ. ގެ އެގްޒެކެޓިވް ސެކްރެޓަރީ ސައިމަން ސްޓީލް ވެސް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޖައްވަށް އަރައިގެންދާ ވިހަ ގޭސްތަކުގެ 80 ޕަސެންޓް ހިއްސާކުރަން ޖެހޭނީ ތަރަައްގީވެފައިވާ ގައުމުތަކުން ކަމަށެވެ.