ދުނިޔެ

ކޮޕް27 މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިއަށް

އދ.ގެ މޫސުމީ ސަމިޓް، ކޮޕް27 މިސްރުގެ މަޝްހޫރު ރިސޯޓް ޝަރުމުއްޝައިޚްގައި ފަށައިފި އެވެ.

މިއީ އިންސާނުގެ އަމަލުތަކާ ގުޅިގެން -- ދުނިޔެ ތަރައްގީކުރަން އިންސާނުން ކުރާ މަސައްކަތްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމުގެ ނިޔަތުގައި ބާއްވާ ސައްލާއެކެވެ.

ގުދުރަތީ ކާރިސާތަކުން އިންސާނީ އާބާދީ ސަލާމަތްކުރުމާއި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ނިޒާމުތަކާ މެދުވެސް މަޝްވަރާ ކުރެވެނޭނެ އެވެ.

ކޮޕް ސަމިޓްގައި ގައުމުތަކުން ހޯދާފައި ހުރި ކާމިޔާބީ އާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ރާވާފައި ހުރި ގޮތްތައް އަޑުއިއްވާނެ އެވެ. އަަދި ހާސިލްކުރަން އެދޭ އަމާޒުތަކަށް ވާސިލުވުމަށް ކޮންމެ ގައުމަކުން ވެސް ލަނޑުދަނޑި ކަނޑައަޅާނެ އެވެ.

ނޮވެމްބަރު 6 އިން 18 އަށް އޮންނަ މި ސަމިޓްގައި ބައިވެރިވުމަށް 40،000 މީހުން ރަޖިސްޓްރީކުރި އެވެ. އެއީ ސަމިޓް އޮންނަ މިސްރަށް ދަތުރުކޮށްގެންނާއި އަދި އެހެނިހެން ގޮތްގޮތަށް ބައިވެރިވުމަށެވެ.

މި ފަހަރު ރިޔާސަތު ބަލަހައްޓަނީ މިސްރުންނެވެ. އެހެންކަމުން ސަމިޓްގެ ފުރަތަމަ އައިޓަމަކަށް އޮތީ މިދިޔަ އަހަރު އިނގިރޭސިވިލާތުގައި އޮތް ކޮޕް26ގެ ރައީސް އަލޮކް ޝަރުމާ، މިސްރުގެ ޚާރިޖީ ވަޒީރު ސާމިހް ޝުކުރީއަށް ރިޔާސަތު ހަވާލުކުރެއްވުމެވެ.

އަލޮކް ޝަރުމަ ވިދާޅުވި ގޮތުގައި ސަމިޓުން ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަކީ އޮތް ވަރަށް ބޮޑު އުންމީދެކެވެ. ކުރެވޭ މަޝްވަރާގައި އޮއްޓަރު ހުންނަންވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދުނިޔެއަށް ވަރަށް ބޮޑެތި ގެއްލުންވާ ކަމަށް ސަމިޓްގައި ވާހަކަދައްކަވަމުން ޝުކުރީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ މިދާކަށް ދުވަހު ޕާކިސްތާންގައި ފެންބޮޑުވެ އާބާދީން ބައެއް ޣަރަގުވެފައިވާ ކަމަށެވެ.

މުސޫން ގޯސްވުމުގެ ސަބަބުން ޔޫރަޕަށާއި އެފްރިކާއަށް ލިބުނު ގެއްލުންތައް އަދި ވެސް ފެންނަން ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއްވެސް ގައުމަކަށް އަމިއްލަ ޒާތުގައި އަދި އެހެން ގައުމުތަކުގެ އެހީތެރިކަމާ ނުލައި މުސުމީ ގެއްލުންތަކުން އަރައި ނުގަނެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އދ. ގެ އެގްޒެކްޓިވް ސެކްރެޓަރީ ކްލައިމެޓް ޗޭންޖް ސައިމަން ސްޓީލް ވިދާޅުވި ގޮތުގައި މޫސުމީ ނުރައްކާތަކުން ރައްކާތެރިވުމަކީ ވަކިވަކި ފަރުދުންނަށް ކުރެވޭ ވަރަށް ވުރެ ބޮޑު ކަމެކެވެ.

މި އަހަރުގެ ކޮޕް ސަމިޓްގެ މުހިއްމު ކަމާ މެދު މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވާހަކަދައްކަވާފަ އެވެ.