ދުނިޔެ

ފިލިޕީންސް ތޫފާންގައި 375 މަރު، ބޮޑެތި ގެއްލުންތަކެއް

އޮފިޝަލުން ވިދާޅުވާ ގޮތުން މިއަހަރު ފިލިޕީންސްއަށް އެރި އެންމެ ބާރުގަދަ ތޫފާނީ "ރާއީ" އެވެ. މިދިއަ ބުރާސްފަތި ދުވަހު ކޮޅިގަނޑެއްހެން އެރި ތޫފާނުގެ ސަބަބުން 375 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ތޫފާން ރާއީގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ގެދޮރު ވަޔާ ބުރައިގެން ދިއަ މީހުންނެވެ. މީޑިއާތަކަށް މަންޒަރު ސިފަކޮށްދިން މީހުން ބުނާ ގޮތުން ބާރުގަދަ ވައިރޯޅިތަކާއެކު ލަކުޑިން ހަދާފައި ހުރި ޒަމާނީ ގެތަކާއި ޖިފުޓިއައް ވެސް ކުނިކޮޅެއްހެން ބޯމަތިން އުދުހިދާތަން އެމީހުންނަށް ފެނުނެވެ.

ފިލިޕީންގައި ހާލުގައި ޖެހިފައި ތިބި އެކި ގައުމުތަކުގެ މީހުންނަށް އެހިތެރިކަށް ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓް ފަދަ އެހީތެރިކަން ފޯރުކޮށްދެ ޖަމާއައްތަކުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ އަވަސްވެގެންފަ އެވެ. އޭގެ ތެރޭގައި ސައުދި އަރަބިިއްޔާ ވެސް ހިމެނެ އެވެ.

ސައޫދީ ސަލްމާން ރަސްގެފާނާއި ވަލިއަހުދު، މުހައްމަދު ބިން ސަލްމާން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭއަށް ގުޅުއްވައި ހާލުއަހުވާލު ބެއްލެވި ކަމަށް އަރަބި ނޫސްތަކުން ބުނެ އެވެ. އަދި އދ. ގެ އޮނިގަނޑުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއީ ތޫފާންގެ ސަބަބުން ހާލުގައި ޖެހުނު މީހުންގެ ތެރޭގައި އެގައުމުގައި ކިޔަވަން ތިބޭ ދިވެރިރާއްޖޭގެ ދަރިވަރުން ވެސް ހިމެނެ އެވެ. އެކުދިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް އިދާރާތަކުން ބުނެ އެވެ. އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.