ދުނިޔެ

ގާޒާ މަސްވެރިންނަށް ބޭނުން ކުރެވޭ ސަރަހައްދު ބޮޑުކޮށްފި

ފަލަސްތީނުގެ ގާޒާގެ މަސްވެރިން، މަސް ބާނާ ސަރަހައްދު ބޮޑު ކޮށްދީފި އެވެ.

ފަލަސްތީނުގެ މަސްވެރިން، މަސް ބާނަން ނުކުމެ އުޅޭ ކަނޑުގެ ސަރަހައްދު ބޮޑުކުރި ނަމަވެސް ހަމާސް ޖަމާއަތާއި އިޒްރޭލާއި ދެމެދު މި މަހު ދެކެވުނު ސުލްހައިގެ ވާހަކަތަކާއި އެކަމާއި ގުޅުމެއްވާ ކަމަށް އިޒްރޭލުން ބުނެފައެއް ނުވެއެވެ.

މި މަހުގެ ކުރީކޮޅު ބޯޑަރުގައި އުފެދުނު ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ މަސްވެރިނަށް މަސް ބޭނުން އިޒްރޭލުން ވަނީ އެއްކޮށް މަނާކޮށްފަ އެވެ. ނަމަވެސް ދެބައި މީހުންގެ ކުރިމަތިލުންތައް ގޯސްވަމުން ދިޔަ ދަނޑިވަޅެއްގައި މިސްރާއި އދ. ގެ އިސްނެގުމުގެ ދަށުން ކުރިއަށް ދިޔަ ސުލްހައިގެ މަޝްވަރާތަކަށް ފަހު އިޒްރޭލުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މަސްބޭނޭ ސަރަހައްދަކީ 12 ނޯޓިކަލް މޭލުގެ ގޮތުގައި ކަނޑައަޅާފަ އެވެ.

އެއަށް ފަހު މިފަހަރު ބޮޑުކޮށްފައިވާ 16 މޭލަކީ މިހާތަނަށް ފަލަސްތީނު މަސްވެރިންނަށް މަސް ބޭނޭ ސަރަހައްދު އެންމެ ބޮޑުކޮށްދިން ފަހަރު ކަމުގައި ވިޔަސް އެއީ 1990 ވަނަ އަހަރު އޮސްލޯ އެއްބަސްވުމުގެ ދަށުން އެއްބަސް ވެފައިވާ 20 ނޯޓިކަލް މޭލަށްވުރެ ކުޑަ މިންވަރެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަ މަހުގެ މުއްދަތަށްވި އެއްބަސްވުމުގެ ދަށުން މަސްބާނާ ސަރަހައްދު ބޮޑުކުރުމުގެ އިތުރުން ސިއްހީ އަދި އެހެނިހެން އިންސާނީ އެހީ ގާޒާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގު ފަހިވާނެ އެވެ.