ދުނިޔެ

ރަހީނުކޮށްފައިވާ ގައްޒާފީގެ ދަރިކަލުން މިނިވަންކޮށްފި

ލުބުނާނުގައި ރަހީނުކޮށްފައި ހުރި ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރަލް ގައްޒާފީގެ ދަރިކަލުން ހަނިބަލް ގައްޒާފީ މިނިވަންކޮށްފި ކަމަށް ސަލާމަތާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.

ހަތިޔާރު އެޅި ލުބުނާނުގެ ބަޔަކު ހަނިބަލް ރަހީނުކޮށްފައިވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ކަމަށާއި އޭނާ ރަހީނުކުރީ ލުބުނާނުގެ ޝީޢި އިމާމެއް ކަމަށްވާ މޫސާ އަލް ސަދުރުގެ މައުލޫމާތު ހޯދަން ކަމަށް ލީބިޔާގެ އޮފިޝަލުން ބުނެއެވެ.

ސަދުރުވަނީ ވީނުވީ ނޭނގި ގެއްލިފައިވަނީ 1978 ވަނަ އަހަރު ލީބިޔާއަށް ކުރި ދަތުރެއްގައި ކަމަށްވާތީ އެކަމުގައި ގައްޒާފީގެ އަތެއް ވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ނަމަވެސް ގައްޒާފީވަނީ އެކަމަށް އިންކާރުކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހު ލުބުނާނުގެ ޓީވީ ޗެނަލެއް ކަމަށްވާ އަލް ޖަދީދު ޓީވީ އިން ވަނީ ހަނިބަލް ގައްޒާފީ، އިމާމް މޫސާ އަލް ސަދުރުގެ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ ވީ އެންމެ އަވަހަކަށް ހެއްކާއެކު ހުށަހެޅުމަށް އެދޭކަމަށް ބުނާ ވީޑީއޯ އެއް ދައްކާފައެވެ. އަދި މި ވީޑިއޯގައި އޭނާ ހުރީ ހެޔޮ ހާލުގައި ކަމަށްވެސް ބުނެފައިވެއެވެ.

ވިހި ވަނަ ގަރުނުގައި ފާހަގަކޮށްލެވޭ މި ޝީއީ އިމާމް ގެއްލުމުގެ ސަބަބުން ލީބިޔާ އާއި ލުބުނާނާއި ދެމެދު އޮތް ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

މުއައްމަރަލް ގައްޒާފީގެ 42 އަހަރުގެ ވެރިކަން ވައްޓާލާފައިވަނި 2011 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އޭނާ އަވަހާރަކޮށްލުމަށްފަހުއެވެ. ގައްޒާފީ އަވަހާރަކޮށްލާފައިވަނީ އުފަން ރަށް ސިރްތުގައި އޭނާއަށް ވަފާތެރި ސިފައިންނާއި ލީބިޔާގެ އިންތިޤާލީ މަޖިލީހަށް ނިސްބަތްވާ ހަނގުރާމަވެރިންނާ ދެމެދު ސިރްތުގައި ހިނގި ކުރިމަތިލުންތަކެއްގައި ގައްޒާފީގެ އިސްތަށިފުޅަށާއި ބަޑަށް އެރި ވަޒަންތަކާއެކު ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

ގައްޒާފީ އަވަހާރަކޮށްލުމާއެކު ލީބިޔާގައި އޭރުގައި ވެރިކަން ކުރަމުންދިޔަ އިންތިޤާލީ މަޖިލީހުގެ ދިފާޢީ ވަޒީރު ޖަލާލްއައްދުޣައިލީ ވިދާޅުވީ ގައްޒާފީގެ މަރަކީ އަނިޔާވެރިންނަށްހުރި ޢިބްރަތެއް ކަމަށެވެ.