ފުވައްމުލައް ސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ބިޔަ މަޝްރޫއު ޑެންމާކްގެ އެމްޓީ ހޯގާޑާ ހަވާލުކޮށްފި އެވެ.
އަތޮޅު ތެރޭގެ ރަށެއްގައި ހިންގާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އެންމެ ބޮޑު މަޝްރޫއު ހޯގާޑާ ހަވާލުކުރީ 300 މިލިއަން ރުފިޔާ އަށެވެ.
ފުވައްމުލަކުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޯގާޑުގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޕެއަރ ވިންތަރ ލާސަން އެވެ. ނައިބް ރައީސް ފައިސަލް ނަސީމު ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދު އެވެ.
މިރަސްމިއްޔާތުގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ނެދަލޭންޑްސް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ވަނީ އިފްތިތާހް ކޮށްދެއްވާފަ އެވެ.
މަޝްރޫއު ހަވާލުކުރީ މިއަދުން ފެށިގެން 606 ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޝަރުތުކޮށްފަ އެވެ. މިމަޝްރޫއުގެ ދަށުން ފުވައްމުލަކުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑު ސަރަހައްދެއްގައި އެއްގަމުތޮށިލުމުގެ މަސަކަތް ކުރާނެ އެވެ.
ހޯގާޑަކީ ފުވައްމުލަކުގައި ހަދާފައިވާ ބޮޑު ބަނދަރު ހެދުމުގައިވެސް އެންމެ އިސްކޮށް މަސައްްކަތް ކުރި ކޮންޓްރެކްޓަރެވެ. ފުވައްމުލަކުގެ އެ ބަނދަރު 2003 ވަނަ އަހަރު ހުޅުވުމާ ހަމައަށް އެއީ އަތޮޅު ތެރޭގެ ރަށެއްގައި ހެދި އެންމެ އަގު ބޮޑު ބަނދަރެވެ.
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ފައިސާ ހަމަޖައްސައިދީފައިވަނީ ނެދަލެންޑްސްގެ އެއިޑް އެޖެންސީ -- އޯރިއޯ އާއި ކުވައިތު ފަންޑުންނެވެ.
މިމަޝްރޫއަށް އޯރިއޯ އިން ހަމަޖައްސައިދިން 10.7 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެމްބަރު 28، 2017 ގައެވެ. އެކަމަކު މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.