އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑު ހުޅުވައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އޮންކޮލޮޖީ ވޯޑު ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި މި ވޯޑު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ހިދުމަތްތައް ތަރައްގީކުރުމަށް މުހިއްމު މަސައްކަތްތަކެއް މިސަރުކާރުން ކޮށްފި ކަމަށެވެ. މިގޮތުން އައިޖީއެމްއެޗްގައި އިތުރު ހިދުމަތްތައް ތައާރަފްކޮށް ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ކުރެވިފައިވާ ކަމަށް ފާހަގަކުރެއްވި އެވެ.

"މިއަދު ފެށިގެން މިދާ އޮންކޮލޮޖީ ވޯޑުގެ ހިދުމަތަކީވެސް ރައްޔިތުންނަށް ވަރަށް މުހިއްމު ހިދުމަތެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކްލީފް ކުޑަކުރުމަށް ސަރުކާރުން އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރުމަށްވެސް ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރެވިފައިވާ ކަމަށާއި، ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރުވެސް ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އާ ހިދުދުމަތްތައް އެ ހޮސްޕިޓަލްތަކުގައި ފެށިގެންދާ ތަން ފެންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އޮންކޮލޮޖީ ވޯޑަކީ އަށް އެނދުގެ ވޯޑެކެވެ. މިވޯޑުގައި ބަލި މީހުންނަށް ހާއްސަ ދެ ފާހާނާ އާއި، ނާސިން ސްޓޭޝަނާއި، ވެއިޓިން އޭރިއަކާއި ސްޓާފް އޭރިއާއެއްގެ އިތުރުން މެޑިކަލް ސްޓޯ ރޫމަކާއި، އިދާރީ އޮފީީހެއް ވެސް ހުރެ އެވެ.