ފުވައްމުލަކު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓް ރަސްމީގޮތުން މިއަދު ހުޅުވައިފި އެވެ.
މި ޔުނިޓް ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
ޏ. އަތޮޅު ހޮސްޕިޓަލުގެ ޑަޔަލިސިސް ޔުނިޓު ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަން ފަހިކޮށްދެއްވުމަށް ސަރުކާރުން ވަރަށްބޮޑު އަހައްމިޔަތުކަމެއްދޭ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގެ ހިދުމަތްތައް ފުޅާކޮށް ފެންވަރު މަތިކުރުމަށް މިހާރުވެސް ބޮޑު ހޭދައެއް ކުރަމުންގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފައިސަލް ވިދާޅުވީ މިފަދަ އާ ހިދުމަތްތައް ތައާރަފުކުރުމުގެ އިތުރުން ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން ދުރާލާ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމަނިކުފާނު ވަނީ އެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ ހިނިތުންވުމާއެކު މުއާމަލާތްކުރުމަށާއި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ހޮސްޕިޓަލުގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.