ފުވައްމުލަކުގެ ބަނދަރު އަޕް ގްރޭޑް ނުކުރެވިގެން އުޅެނީ އެ ބަނދަރު ބޮޑުކުރަން ގޮއްވަން ޖެހޭތީ ދިމާވާ މައްސަލަތަކާ ހެދި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދުޔ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ވަނީ ފުވައްމުލަކު ބަނދަރާ ކައިރި ކުރަން ދޯނި ފަހަރަަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށާއި އެ ބަނދަރު އަޕްގްރޭޑް ކުރުމަށް މިދިޔަ އަހަރާއި މި އަހަރުގެ ބަޖެޓުގައި ވެސް ހިމެނި ކަމަށެވެ. އެ މަސައްކަތް ފެށޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފަ އެވެ.
އަސްލަމް ވިދާޅުވީ ފުވައްމުލަކު ބަނދަރު އަޕްގްރޭޑް ނުކުރެވި ދަނީ ޖާގައިގެ ދަތިކަމާ ހުރެ ކަމަށާއި އެކަމާ ގުޅިގެން އެކިފަހަރު ވާހަކަތައް ވެސް ދެކެވިފައިވާ ކަމަށެވެ. އިތުރަށް ވިދާޅުވީ ފުވައްމުލަކު ބަނދަރުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ފުވައްމުލަކުގައި މިހާރު އޮތް ބަނދަރުވެސް ހެދީ ވަރަށް އުދަނގުލުން ކަމަށެވެ.
"ފުވައްމުލަކުގައި މިހާރު ހެދިފައި އޮތް ބަނދަރު ވެސް ހަަމަ އެންމެ އިންޗިއެއްވެސް ކޮނެވިފައެއް ނީންނާނެ ނުގޮއްވައެއް. 114 ޓަނުގެ ގޮއްވާ އެއްޗެތި އަޅައިގެން ފުވައްމުލަކު ބަނދަރު ކޮނެފައި އެ އޮތީ. ޝީޓް ޕައިލްކުރީ ގޮއްވައިގެން ޓްރެންޗެން ހަދައިގެން ބެކްފިލްކޮށްފައި. މިހާރު އޮތް ބަނދަރު އެެތާ އޮއްވާ އިތުރަށް ތަނެއް ކޮނުމަށް ބަނދަރު ތެރެއިން ގޮއްވައިގެން ބަނދަރުގެ ނެރާ ދިމާލުން ވަދެގެން އަންނަ ތަނުގެ އެބައޮތް ތިލަކޮށް އޮތް ސަރަހައްދެއް ވެސް. އެ ސަރަހައްދު ފުންކުރީމަ ކޮންމެވެސް ވަރަަކަށް އިތުރު ޖާގަކޮޅެއް ލިބޭނެ. އެންމެ ރަނގަޅަށް ޕްރޮޓެކްޓް ނުވިޔަސް ކޮންމެވެސް މިންވަރެއްގެ ޖާގައެއް ލިބޭނެ." އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ފުވައްމުލަކު ބަނދަރު އަޕްގްރޭޑް ކުރުމަށް ދިމާވާ އެއްމެ ބޮޑު މައްސަލައަކީ އެތަނުގައި ބަނދަރެއް އޮއްވާ ގޮއްވަން ޖެހުން ކަމަށާއި އަދި އެއާއެކު ނުކުމެދާނެ މައްސަލަތައް ހުރުން ކަމަށެވެ.