ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބޫސްޓާ ޑޯޒް 19،432 މީހުން ޖަހައިފި

ރާއްޖޭގައި ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 19،000 އިން މައްޗަށް އަރައިފި އެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 396،162 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހަފާއިވެ އެވެ. އަދި 365،482 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭ އިން ޖަހަން ފަށާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާރު ވެކްސިން ޖަހަމުންދަނީ 50 އަހަރުން މަތީގެ މީހުނަށެވެ.

މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 19432 މީހުންނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.

ސެންޓަރުތަކަށް ވެކްސިން ޖަހަން ދާއިރު ވެކްސިން އެޕޮއިންޓްމަންޓް ހައްދަން އެޗްޕީއޭއިން ވަނީ އަންގާފަ އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރޮގްރާމުގައި ބޭނުން ކުރަނީ ކޮވިޝީލްޑާއި، ސިނަފާމް، އެސްޓްރާޒެނަކާ އަދި ފައިޒާ އެވެ.