ދުނިޔެ

ތާރީހީ އެއްބަސްވުމަކާ އެކު ކޮޕް ސަމިޓް ނިންމާލައިފި

ގާތްގަނޑަކަށް ދެހަފްތާގެ މުއްދަތަކަށް ޕެރިހުގައި ކުރިއަށް ގެންދިޔަ ކޮޕް21 ސަމިޓްގެ މަޝްވަރާތަކަށް ފަހު ތިމާވެށީގެ ތާރީހީ އެއްބަސްވުމަކަށް ގައުމުތަކަށް އާދެވިއްޖެ އެވެ.

އެތައް އަހަރުތަކެއް ވާންދެން އެއްވެސް ކުރިއެރުމެއް ނުލިބި، ކުރިއަށްގެން ދިޔަ މި ބަހުސްތައް މިއަހަރު ނިންމާލާފައިވަނީ ކާބަން ބޭނުންކުރާ މިންވަރު މަދުކުރުމަށް ހުރިހާ ގައުމަކުން އެއްބަސްވެގެންނެވެ. އަދި މިއީ މިކަމަށް ހުރިހާ ގައުމަކުން އެއްބަސްވި ފުރަތަމަ ފަހަރެވެ.

މި އެއްބަސްވުމުގައި ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން މިހާރު ހުރި މިންވަރަށް ވުރެ ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށުގައި ބަހައްޓަން ވަނީ އެއްބަސްވެފަ އެވެ.

ސަމިޓްގެ ރިޔާސަތު ބަލަހައްޓަވާ ފްރާންސްގެ ހާރިޖީ ވަޒީރު ލޯރެން ފަބިއަސް އެ އެއްބަސްވުން ފާސްވިކަން އިއުލާން ކުރުމާ އެކު ސަމިޓްގެ ބައިވެރިން ވަނީ ކޮޅަށް ތެދުވެ އުފާފާޅުކުރުމަށް އަތްތިލަބަޑި ޖަހައިފަ އެވެ. މި އެއްބަސްވުން ފާސްކުރުމާއިއެކު ޕެރިހުގައި ކުރިއަށް ގެންދިޔަ ކޮޕް 21 ސަމިޓްވަނީ ނިންމާލާފައެވެ.

މި އެއްބަސްވުމާ އެކު ފްރާންސްގެ ރައީސްވެސް ވަނީ މި އެއްބަސްވުމަށް ތައުރީފްކޮށް ވާހަކަ ދައްކަވާފަ އެވެ. މި އެއްބަސްވުމަށް އަމަލުކުރާނީ މިހާރު އަމަލު ކުރަމުންދާ ކިޔޯޓޯ މުއާހަދާގެ މުއްދަތު 2020 ވަނަ އަހަރު ހަމަވުމުންނެވެ.

ރޭ ފާސްކުރި "ޕެރިސް އެއްބަސްވުން" މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ހަތަރު ނުކުތާ އެއްގެ މައްޗަށެވެ. 

ކޮޕް 21 ގެ އެއްބަސްވުމުގެ ނުގުތާތައް:

  • ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުން
  • ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކުރުން، 1.5 ޑިގްރީ ސެލްސިއަސް އަށް ލިމިޓްކުރަން މަސައްކަތް ކުރުން
  • މަސައްކަތް ދާ ގޮތް ކޮންމެ ފަސް އަހަރަކުން މުތާލިއާ ކުރުން
  • 2020 ގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ

ދުނިޔޭގެ 195 ގައުމަކުން ބައިވެރިވެގެން ކުރިއަށް ގެންދިޔަ މި ސަމިޓުގެ ބޭނުމަކީ ކިޔޯޓޯ މުއާހަދާގެ މުއްދަތު 2020 ގެ ފަހުން ހަމަވުމުން ދެން އަމަލު ކުރާނެ އެއްބަސްވުމެއް ތައްޔާރު ކުރުމެެވެ.