ސިވިލް ކޯޓް

ސިވިލް ކޯޓަށް ގާޒީން ހޯދަނީ

Dec 15, 2021

ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.

ޖޭއެސްސީ އިން މިއަދު ކުރި އިއުލާނުގައި ސިވިލް ކޯޓަށް ހޯދަނީ ދެ ގާޒީންނެވެ.

ގާޒީންގެ އަސާސީ މުސާރަ އަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭއިރު ރިސްކް އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން މެޑިކަލް އިންޝުއަރެންސް އަދި ފޯނު އެލަވަންސް ވެސް ލިބެ އެވެ.

ގާޒީކަން ކުރައްވާ ބޭފުޅުންނަށް ޖުމްލަ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 45،650 ރުފިޔާ ލިބެ އެވެ.

ގާޒީ ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ނަމަ އެވެ. އެ މަގާމަށް ކުރިމަތިލެވޭ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާން ޖެހެ އެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ މިމަހުގެ 30 ވަަނަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށެވެ.

ސިވިލް ކޯޓުގައި މިވަގުތު 14 ގާޒީން މަސައްކަތް ކުރައްވަ އެވެ.