މިނިސްޓްރީ އޮފް ހެލްތު

ސިއްހީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލްކުރުން ފެނަކައަށް

Dec 15, 2021

ސިއްހީ ދާއިރާގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް ހެލްތު މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ މިނިސްޓަރު އަހްމަދު ނަސީމް އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެމްއޯޔޫގެ ސަބަބުން ފެނަކައިގެ އައިޓީ ޓީމުން ސިއްހީ ދައިރާގެ އައިޓީ އިންފްރާސްޓްރަކްޗާ އޮޑިޓެއް ހަދާނެ ކަމަށެވެ. އޭރުން ސިއްހީ ދާއިރާގެ މަސައްކަތްތަކާއި ފޯރުކޮށްދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަންތައްތައް އެނގިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިފަދަ މަޝްރޫއެއްގެ ސަބަބުން ސިއްހީ ހިދުމަތްދޭ ތަންތަނުން ދެމުންދާ ހިދުމަތްތަކާއި ކުރެވޭ މަސައްކަތްތަކުގެ މައުލޫމާތުތައް ޑޭޝްބޯޑު ފަދަ އެކި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދުވަހުން ދުވަހަށް ފެންނާނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިމަސައްކަތުގެ ސަބަބުން މިނިސްޓްރީގެ އެއް އަމާޒު ކަމަށްވާ ސިއްހީ ދާއިރާގައި ބޭނުންކުރަމުންދާ އެކި ސިސްޓަމްތަކާއި އެޕްލިކޭޝަންތައް ނެޝަނަލް ހެލްތު އިންފޮމޭޝަން ސިސްޓަމާ ގުޅާލުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.