ކުރިއަށް އޮތް ހަފްތާ ބަންދާ ދިމާކޮށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ކ. އަތޮޅުގެ ދެ ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބުރާސްފަތި ދުވަހު ހަވީރު ރައީސް ޔާމީން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ކ. ގުރައިދޫ އަށް ކަމަށެވެ. އޭގެފަހުން ހުކުރު ދުވަހު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކ. ތުލުސްދޫ އަށެވެ.
ތޮލާލް ވިދާޅުވީ ރައީސް ޔާމީންގެ މި ދަތުރުުފުޅުގައި ގުރައިދޫ އާއި ތުލުސްދޫގެ ރައްޔިތުންނާ އެކު ވަގުތު ހޭދަކުރައްވާ ރައްޔިތުންނަށް ކުރިމަތިވެފައި ހުރި މައްސަލަތައް ބައްލަވައި އޮޅުންފިލުއްވާނެ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ސަޕޯޓަރުން ބާއްވާ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ގުރައިދޫއާއި ތުލުސްދޫ އަށް ރައީސް ޔާމީން ވަޑައިގެންނެވި ނަމަވެސް މާލޭގައި ބާއްވާ ގޮތަށް ބޮޑެތި ޖަލްސާތައް ނުބާއްވާނެ ކަމަށްވެސް ތޮލާލް ވަނީ މައުލޫމާތު ދެއްވާފަ އެވެ.
ރައީސް ޔާމީން ކ. އަތޮޅަށް ކުރައްވާ ދަތުރުފުޅަކީ އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގަތުމަށްފަހު އަތޮޅު ތެރޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ރައީސް ޔާމީން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅު ފައްޓަވާ ގޮތަށް ކުރިން އޮތީ ފ. ނިލަންދޫ އިންނެވެ. ނަމަވެސް ހަފްތާ ބަންދުގައި ފ. އަތޮޅުގެ މޫސުން ރަނގަޅު ވާނެ ކަމަށް ނުބެލެވޭތީ މާލެއާ ކައިރިން އަތޮޅު ތެރޭގެ ދަތުރުތައް ފެށުމަށް ނިންމީ ކަމަށް ޕީޕީއެމުން ބުނެފައިވެ އެވެ.
ގުރައިދޫ އާއި ތުލުސްދޫ އަކީ ރައީސް ޔާމީނަށް ތާއީދު ކުރާ ގިނަ ބަޔަކު ދިރިއުޅޭ ދެ ރަށެވެ.