އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ޕްލޭއޯފެ ދެ ވަނަ މެޗަށް ގްރީން ސްޓްރީޓަށް ޓީމު ހަމަނުކުރެވުމުން އަންނަ އަހަރު ވެސް ފުރަތަމަ ޑިވިޝަނުގެ ޖާގަ ބީޖީ އަށް ލިބިއްޖެ އެވެ.
ޕްލޭއޯފް ދެ ވަނަ މެޗަށް ކުޅުންތެރިން ހަމަނުކުރެވުނުއިރު، ޕްލޭއޯފް ފުރަތަމަ މެޗުން ބީޖީ މޮޅުވީ 4-1އިންނެވެ.
ޕްލޭއޯފް މެޗުގައި ބީޖީ އަށް ކުޅެން ޖެހުނީ ލީގުގެ ހަތް ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރީން ސްޓްރީޓް ވާދަކުރީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމުގެ ގޮތުގައި އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައިވަނީ ޔުނައިޓެޑް ވިކްޓަރީ އެވެ. ލީގުގެ ފުލަށް ގޮސްގެން ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވީ މި އަހަރު ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅުނު މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
މި އަހަރުން ފެށިގެން އަމަލުކުރަމުންދާ ލީގުގެ ގަވާއިދުގައިވަނީ ލީގުގެ ފުލަށް ދާ ޓީމު އޮޓެމެޓިކުން ރެލިގޭޓްވާނެ ކަމަށެވެ. އަދި އެ ޖާގަ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ލިބޭނެ އެވެ.
ބީޖީ ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުކުރުމުން އަންނަ އަހަރު ލީގުގައި ދެން ވާދަކުރާނީ އެންމެ ފަހުގެ ހަތަރު އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓާއި ޓީސީ، ޔުނައިޓެޑް ވިކްޓަރީ އާއި ވިކްޓަރީ އަދި މާޒިޔާގެ އިތުރުން އީގަލްސް އާއި ވެލެންސިއާ އެވެ.