ރާއްޖެ ކުޅިވަރު

ޖެހިޖެހިގެން ވެލެންސިއާ ތިން ބަލިވެ، ބީޖީ ކުރިއަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ބީޖީ އަތުން 2-0އިން ބަލިވި މެޗާއެކު ޖެހިޖެހިގެން ވެލެންސިއާ ތިން ބަލިވިއިރު ރެލިގޭޝަނުން ސަލާމަތްވާން ބީޖީ ކުރިއަށް ޖެހިލައިފި އެވެ.

މި މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ ބީޖީންނެވެ. ފުރަތަމަ ލަނޑު ޖެހީ ޑެނިއަލް ފިލަމޮން އެވެ. ދެ ވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެވެ. ވެލެންސިއާގެ ސްޕޭން ފޯވަޑް އެންޖެލް ކަރެސްކޯޒާ މުނޯޒް ސުން ކަނޑުވާލީ ބީޖީގެ ދެ ލަނޑަށް ފަހު 82 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ.

މި މެޗުން ބަލިވުމުން ތިން ވަނަ ބުރުގައި ވެލެންސިއާ އަށް މިހާތަނަށް ހަތަރު މެޗު ކުޅެގެން ހޯދިފައިވަނީ އެންމެ ޕޮއިންޓެކެވެ. ވިކްޓަރީއާ އެއްވަރުވިއިރު ނިއުރޭޑިއަންޓާއި މާޒިޔާ އަދި ބީޖީން އަތުން ބަލިވީ އެވެ. ލިބިފައިވަނީ 20 ޕޮއިންޓާއެކު ހަތަރުވަނަ އެވެ.

މިއާ ހިލާފަށް ބީޖީ މިއަދުގެ މެޗުން ހޯދި މޮޅާއެކު ވަނީ ހަތް ވަނާގައިވާ ވިކްޓަރީއާ ޕޮއިންޓަކަށް ކައިރިކޮށްފަ އެވެ. އެ ޓީމަށް 12 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އޮތީ 13 ޕޮއިންޓާއެކުގަ އެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާނެ އެވެ.

ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދަށް މެޗުގެ ވަރަށް ކުރިކޮޅު އަނިޔާވެ ބާލަން ޖެހުނު މެޗުގައި އެ ޓީމުގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.

ލީގުގައި މިރޭ ކުޅޭނީ އެއްވަނާގައިވާ މާޒިޔާ އާއި ފަސް ވަނާގައިވާ ޔުނައިޓެޑް ވިކްޓަރީ އެވެ. މި މެޗުން ޕޮއިންޓެއް ހޯދިޔަސް ވެލެންސިއާ އަށްވުރެ ކުރި ޔުނައިޓެޑް ވިކްޓަރީ އަށް ލިބޭނެ އެވެ. އަދި މާޒިޔާ މޮޅުވެއްޖެނަމަ ލީގު ޗެމްޕިއަންކަން ގާތްގަނޑަކަށް ކަށަވަރުވާނެ އެވެ.