ރާއްޖެ ކުޅިވަރު

ބީޖީން ވެލެންސިއާ މާޔޫސްކޮށްލައިފި

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިއަދު ހަވީރު ބީޖީއާ ވާދަކޮށް 0-0 އިން އެއްވަރުވުމުން ކުލަބު ވެލެންސިއއާ މާޔޫސްވެއްޖެ އެވެ.

މެޗު ކާމިޔާބުކޮށްގެން ޓޭބަލުގެ ދެ ވަނަ އަށް ދެވެން އޮތް ވެލެންސިއާ އަށް މިހާރު ލިބިފައިވަނީ 12 ޕޮއިންޓާއެކު ހަތަރު ވަނަ އެވެ. އަށް ޓީމު ވާދަކުރާ ޓޭބަލުގެ ފުލުގައި އޮތީ ދެ ޕޮއިންޓާއެކު ބީޖީ އެވެ. އެއްވަނާގައިވަނީ 17 ޕޮއިންޓާއެކު މާޒިޔާ އެވެ.

މިއަދުގެ މެޗުގައި ވެލެންސިއާއިން ކިރިޔާ ވެސް ރަނގަޅަށް ކުޅުނީ ފަހު ހާފުގަ އެވެ. ނަމަވެސް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއްނުވެ އެވެ. ކިރިޔާ ވެސް ނުރައްކާވީ ފަހުހާފުގައި ނައިޖީރިއާ މިޑްފީލްޑަރު ޗިންދާ ކަކާ އޭރިޔާގެ ބޭރުން ތިރިތިރިން ފޮނުވާލި ބޯޅަ އެވެ. ނަމަވެސް ބީޖީގެ ޕާކިސްތާން ކީޕަރު ސާގިބް ހަނީފް ދިފާއުކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަނީފް ވަނީ ވެލެންސިއާގެ ހުރަސްތަކާއި ކޯނަރުތައް ނާކާމިޔާބުކޮށްލުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ.

މެޗު ނިމެންދަނިކޮށް ބީޖީ އަށް ގޯލު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ވެލެންސިއާގެ މެދުތެރެއިން ހެދި ގޯހަކުން ވަރަށް ހުސްކޮށް ލިބުނު ބޯޅަ ބީޖީގެ އިބްރާހީމް ޝިޔާމް (ދޮނާ) ފޮނުވާލުމުން ކީޕަރު މުހައްމަދު ފައިސަލްގެ ބޯމަތިން ގޮސް އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ލީގުގައި މިރޭ ކުޅޭނީ ދެ ވަނާގައިވާ އީގަލްސް އާއި ތިން ވަނާގައިވާ ޔުނައިޓެޑް ވިކްޓަރީ އެވެ.