ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އިންޑިއާ އައުޓް"ގެ ނަމުގައި ކުރިއަށް ގެންދާ ކެންޕޭނާ ދެކޮޅަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމުން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތް ކަމަށެވެ. ރައްޔިތުން "އިންޑިއާ އައުޓް" ގޮވަނީ އެހެންވެގެން ކަމަށެވެ. ރައްޔިތުންނަށް އިންޑިއާ އައުޓް ކިޔޭނެ ކަމަށާއި އެހެން ކިޔާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އެ ކަމެއް ނުހުއްޓުވޭނެ. އެކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ. މީ ދިވެހީންގެ ދިވެހިރާއްޖެ. އިންޑިއާއައުޓް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި އިިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލުން މިނިވަންވުމާ އެކު އިންޑިއާ އައުޓް ކެމްޕޭން ވަނީ އިތުރަށް ވަރުގަދަ ކޮށްފަ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ޖެހޭނީ ފައިބަން ކަމުގައި ރައީސް ޔާމީން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވެސް ވަމުންނެވެ.
އިންޑިއާ އައުޓް ކެމްޕޭން މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ހާއްސަ ދަތުރުތަކެއް އަތޮޅު ތެރެއަށް ކުރުމަށްވެސް އިދިކޮޅުން ވަނީ ނިންމާފަ އެވެ. އެގޮތުން އިއްޔެ ވަނީ ކ. ގުރައިދޫގައި އިންޑިއާ އައުޓްގެ ނަމުގައި ހިނގާލުމެއް ބާއްވާފަ އެވެ. އަދި މިއަދު ކ. ތުލުސްދޫގައި އިންޑިއާ އައުޓް ކެމްޕޭން ކުރިއަށް ގެންދިއުމަށް ނިންމާފައިވެ އެެވެ. މި ދެ ރަށުގައިވެސް އެ ހަރަކާތްތަކުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަ އެވެ.
އިންޑިއާ އައުޓް ކެމްޕޭންގެ ދަށުން މިއަދު ހަވީރު މާލޭގައި ހާއްސަ ސައިކަލް ބުރެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.