އަބްދުﷲ ރިޔާޒް

ޔާމީން މިނިވަންވީ ޓެކްނިކަލް ގޯހަކުން: ރިޔާޒު

ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ބަންދުން ރައީސް ޔާމީން މިނިވަންވީ "ޓެކްނިކާލިޓީ" އެއްގެ ސަބަބުން ކަމަށެވެ. އެ ބަހުގެ މާނަ ތިލަކޮށްދެއްވަމުން ރިޔާޒް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ވެސް އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ރަގަޅަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެ ގޯސްތައް ސުޕްރީމް ކޯޓުގެ ހުކުމް ކިޔާލުމުން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ރައީސް ޔާމީނާ އޮތް ގުޅުން ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވީ އެ ވައްކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ވައްކަމެއް ކަމުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނީ އެމަނިކުފާނު ކަމަށެވެ. އަދިވެސް އިތުރު ތަހުގީގުތަކާއި ޝަރީއަތްތައް ކުރިއަށް ހުރި ކަންވެސް ރިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.

ރިޔާޒް ވިދާޅުވީ ހިޔާނާތް ހިނގައިދިޔައިރު ޔާމީންގެ އެކައުންޓަށް ނުހައްގު ފައިސާ ވަދެފައިވާ ކަމަށާއި އަދި އެފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ. ޔާމީންގެ އެކައުންޓަށް ވަން ފައިސާ ވިޔަފާރި ކުރުމަށް އިންވެސްޓްކުރިކަން ވެސް އެ ހުކުމް ކިޔައިލުމުން އެނގެން އޮތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުން އެހެން ވިޔަފާރިތައް ކުރުމަކީ ގާނޫނުން މަނާކުރާ ކަމެއް ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ވައްކަމަކީ ނުހިނގާ ކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. ދައުލަތުން ރައްޔިތުންގެ ވަރަށް ގިނަ ފައިސާތަކެއް ގެއްލިފަ މިވަނީ. އަދި ރައީސް ޔާމީން މިނިވަންވެޑައިގަތަސް އޭރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވީ. އެހެންވީމަ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ. ރައްޔިތުންނަށް އެނގެންޖެހޭނެ ކަންކަން އޮތް ގޮތް. އެހެންވީމަ މިކަންކަން ފޮރުވުމަށްޓަކައި މި ވާހަކަ އޮއްބާލުމަށްޓަކައި އެހެން ގައުމުތަކާ ޖައްސާލައިގެން ގައުމުގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަންމީ. އެކަމަކަށް އަޅުގަނޑުމެން އެއްބާރުލުމެއް ނުދެން،" ރިޔާޒް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިންމުން ނިންމާނީ ކޯޓުން ކަމަށްވީ ނަމަވެސް އެމަނިކުފާނު ރައްޔިތުންގެ ފައިސާއިން ވައްކަން ކުރެއްވި ކަމަށް ވެސް ރިޔާޒް ވަނީ ވިދާޅުވެފަ އެވެ. އެމްއެމްޕީއާރްސީން ޔާމީން ފައިސާ ހޯއްދެވިކަން ވަރަށް ރަނގަޅަށް އެނގެން އޮތް ކަމުގައިވެސް ވިދާޅުވި އެެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ވެސް އެކަން ފޮރުވުމަށްޓަކައި ހިންގާ ކެމްޕޭނެއް ކަމަށެވެ.

"އެ ހުކުމް އަޅުގަނޑު ކިޔައިލީމަ އެނގެނީ ސުޕްރީމް ކޯޓުން ރައީސް ޔާމީން ސަލާމަތްވީ ޓެކްނިކާލިޓީ އަކުންކަން. ވައްކަން ނުކޮށްގެން ނޫންކަން،" ރިޔާޒް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު އިއްވި ހުކުމުގައި ޔާމީން މިނިވަންވެފައިވަނީ ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާތީ އެވެ. އެ ހުކުމުގައި، އެ ފައިސާގެ ބޭނުން ޔާމީން ކުރައްވާފައި ވަނީ އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ކަން ފާހަގަކޮށްފައިވެ އެވެ.