ރައީސް އަބްދުﷲ ޔާމީން

ޔާމީނަށް ސުޕްރީމް ކޯޓުގައިވެސް ނާކާމިޔާބު

ރ. ފުއްގިރި މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމި ނިންމުންތަކެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން ސުޕްރީމް ކޯޓުންވެސް އެމަނިކުފާނަށް ނާކާމިޔާބުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި ރައީސް ޔާމީން ހުށަހެޅުއްވީ ފުއްގިރި މައްސަލައިގައި އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެއްކެއްގެ ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ލިޔުންތައް ސިއްރުކުރަން ހުށަހަަޅާފައިވާތީ ހެކި ހާމަކޮށްދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ ޔާމީން ހުށަހެޅުއްވި ގޮތަށް އަމަލުކުރެވެން ނެތް ކަމަށް ނިންމަވާފަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން ރައީސް ޔާމީން ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުން ހައިކޯޓުން ވެސް ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުގެ ނިންމުން ރައީސް ޔާމީން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ އިއްވި ހުކުމްގައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓުގެ ހުކުމަށް ވާސިލްވުމުގައި ފާހަގަކޮށްފައި ހުރި ބައެއް ސަބަބުތައް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެ އެެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ހެއްކާ ބެހޭ އާ ގާނޫނު އައިސްފައިވަނީ ދައުވާގައި ބުނާ ކުށް ކުރުމުގެ ފަހުން ކަމަށްވާތީ ހެއްކާ ބެހޭ އާ ގާނޫނުގެ ދަށުން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދީބާއި ޒިޔަތުގެ ހެކިބަހުގެ ބުރަދަނާ މެދު ގޮތެއް ނިންމާނީ ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގައި ކަމަށްވެސް ހުކުމްގައިވެ އެވެ.

ދައުލަތުގެ ބައެއް ލިޔުންތައް ސިއްރުކުރަން ހުށަހަަޅާފައިވާތީ ކްރިމިނަލް ކޯޓުން ވަނީ ދައުލަތުން އެދުނު ގޮތަށް ލިޔުންތައް ސިއްރުކޮށްދީފަ އެވެ. ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ އެ ނިންމުމަށް ސުޕްރީމް ކޯޓުން ވެސް މިރޭ ތާއީދުކުރި އެވެ. ދައުލަތުން ސިއްރުކުރަން ހުށަހެޅި ލިޔުންތައް ހާމަކޮށްދިނުމުގެ އަމުރަކަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާތީ އެކަމުގައި ސުޕްރީމް ކޯޓުން ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ކަމަށެވެ.

ރައީސް ޔާމީން ހުށަހެޅުއްވި މައްސަަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ސުއޫދު އެވެ.

ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ އަކީ ވެސް ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. މިގޮތުން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.

ފުއްގިރީގެ މައްސަލައިގެ ދައުވާގައިވާ ގޮތުން ރައީސް ޔާމީން ރިޝްވަތު ނަންގަވާފައިވަނީ ފުއްގިރީގައި ރިސޯޓެއް ހަދަން އެރަށް ކުއްޔަށް ދޫކޮށްގެން މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ މެދުވެރިކޮށެވެ. އަދި މަނީލޯންޑާ ކޮށްފައިވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުން ކޮށްގެންނެވެ.

ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އަދި މަނީލޯންޑަރިންގެ ކުށުގެ ދައުވާއަކާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާ ވަނީ އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފަ އެވެ.

ވ. އާރަށް މައްސަލައިގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ވެސް އެމަނިކުފާނު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. ނަމަވެސް މިމައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް އަދި ނިމިފައެއް ނުވެ އެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމު، މަތީ ކޯޓަކުން ބާތިލް ނުކުރާހާ ހިނދަކު އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެ އެވެ.