ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިން ކުރި ކަމުގެ ކުށާއި ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވާ ގޮތާއިމެދު ސުޕްރީމް ކޯޓުން ސުވާލު އުފައްދައިފި އެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.
މި މައްސަލަ އިސްތިއުނާފް ކުރައްވަމުން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ 22 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ ލީގަލް ޓޭންޑާއަކީ ދިވެހި ރުފިޔާއަށްވީއިރު ޑޮލަރުން ޖޫރިމަނާކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނުކުތާއެއް ވަނީ ހުށަހަޅާފަ އެވެ.
މި ނުކުތާއަށް ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ރައްދު ދެއްވަމުން ވިދާޅުވެފައި ވަނީ މީހަކު ލޯންޑާކުރާ ފައިސާގެ ފަސް ގުނައަށްވުރެ އިތުރު ނުވާ އަދަދަކުން ކުށް ސާބުވެއްޖެ ނަމަ ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުން ބާރު ދީފައިވާ ކަމަށެވެ. ލޯންޑާ ކުރި ފައިސާ އަކީ ޔޫއެސް ޑޮލަރަށް ވާއިރު ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ގާނޫނުން ހުރަސް ނާޅާ ކަމަށް ވަކީލް ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ޔާމީނަށް އަދަބު ކަނޑައެޅުމުގައި ޖަލު ހުކުމަކަށް އެންމެ ދަށް މިންވަރު ކަނޑައަޅައި ދެއްވުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެގޮތަށް އެދުނީ ޔާމީންގެ މައްޗަށް މީގެ ކުރިން ކުށެއް ސާބިތު ވެފައި ނުވާތީ ކަމަށް ވިދާޅުވި އެވެ. އަދި ޖޫރިމަނާ ކަނޑައެޅުމުގައި އެންމެ މަތީ ގިންތިން ޖޫރިމަނާ ކުރުމަށް އެދުނީ، މުޅި މައްސަލަ ބިނާވެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ކަމަށް ވާތީ ކަމަށެވެ.
ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ ދެ ފަހަރެއްގެ މަތިން އެ ހުކުމް ކަނޑައަޅާފައި ވަނީ ކޮންގޮތަކަށްތޯ ދައުލަތާ ސުވާލު ކުރައްވާފަ އެވެ. ދައުލަތުގެ ވަކީލް އެ ސުވާލަށް ޖަވާބު ދެއްވަމުން އިތުރަށް ވިދާޅުވެފައި ވަނީ އަދަބު ކަނޑައެޅުމަކީ ފަނޑިޔާރަށް ލިބިގެންވާ އިހުތިޔާރެއް ކަމަށެވެ.
"ޖަލު އަދަބުގެ އެންމެ ދަށް މިންގަނޑު އިހުތިޔާރު ކުރުމަށް ފަހު، މި މައްސަލައިގައި މިއުޅެނީ އެއް މިލިއަން ޑޮލަރު. އެ ފައިސާ ފަސް ގުނަ ވެގެން ދިޔައީމަ މި ދަނީ ޖޫރިމަނާގެ އެންމެ މައްޗަށް. ކީއްވެގެންތޯ ޖަލު ހުކުމުގެ އެންމެ ދަށް އަދި ޖޫރިމަނާގެ އެންމެ މަތި، މީތި ޖަސްޓިފައި ނުވެގެން މިއުޅެނީ ކީއްވެގެންތޯ؟" ފަނޑިޔާރު މަހާޒު އެއްސެވި އެވެ.
މި ސުވާލަށް ދެ ފަހަރެއްގެ މަތިން ދައުލަތުން ޖަވާބު ދިން ނަމަވެސް އަދިވެސް ސާފު ނުވާ ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފަ އެވެ. އެ ސުވާލުގެ ޖަވާބު އެރުވުމަށް ދެން އަންނަ އަޑުއެހުމުގައި ފުރުސަތު ދެއްވާނެ ކަމަށް ވެސް ފަނޑިޔާރު މަހާޒު ވަނީ ވިދާޅުވެފަ އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ގާތްގަނޑަކަށް 22 ނުކުތާއަށް ވަނީ ރައްދުދީ ނިންމާލައިފަ އެވެ. ވާހަކަ ނުދެކެވި އޮތީ ހަމައެކަނި ރިޔާސަތުން ކުރި ސުވާލަށެވެ.
ދައުލަތުގެ ފަރާތުން ރައްދު ދެއްވަމުން، ވަކީލް ވަނީ ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ ގިނަ ނުކުތާތަކަށް ގާނޫނީ ގޮތުން ދޭނެ ރައްދެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރައްވާ އެއް ކަމަކީ ތަހުގީގު މަރުހަލާއިން ފެށިގެން ދައުވާ ކުރުމާ ހަމައަށްވެސް ތުހުމަތު ކުރާ ކުށް އެނގިފައި ނުވާ ކަމަށެވެ. ތަހުގީގުގައި ސުވާލުކޮށްފައު ވަނީ ކޮރަޕްޝަނާ ގުޅިގެން ކަމަށާއި ނަމަވެސް ދައުވާ އުފުލާފައި ވަނީ މަނީ ލޯންޑާ ކުރިކަމުގެ ތުހުމަތުގައި ކަމަށް ވަނީ ފާހަގަކުރައްވާފަ އެވެ.
އެ ނުކުތާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވެފައި ވަނީ ޔާމީނުގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުކަން ގާނޫނީ އިންޒާރުގައި ވެސް އެނގެން އޮތް ކަމަށެވެ. އަދި މަނީ ލޯންޑަރިންއާ ގުޅޭ ތުހުމަތު ކުރާ ކަމަށް ޔާމީނުގެ ބަޔާނުންވެސް އެނގެން އޮތް ކަމަށެވެ.
މީގެ އިތުރުން ބައެއް ހެކިވެރިން ދޮގު ހެކި ދީފައިވާކަމަށް ފާހަގަކުރާ ނުކުތާއަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް އައިޝަތު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހެކިބަސް ދީފައި ވަނީ އެމީހުންވެސް އެ ކުށުގައި ޝާމިލްވާ ކަމަށް ބުނެ އަމިއްލައަށް އިއުތިރާފްވެފައި ކަމަށެެވެ. އަދި މިހެކިތަކަށް ބާރުލިބޭ އިތުރު ހެކިތައް ހުރި ކަމަށް ވެސް ފާހަގަކުރެއްވި އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި މައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ކުރިން ވަނީ ދެ ހުށަހެޅުމެއް ވެސް ހުށަހަޅާފަ އެވެ. އެއީ ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒުކުުރުން ފަސް ކޮށްދިނުމެވެ. މި ހުށަހެޅުންތަކާއި މެދު ވާހަކަ ދައްކާނީ ދައުލަތުން ޖަވާބުދާރީވުމަށްފަހުގައި ކަމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ދެން އޮންނަ އަޑުއެހުމެއްގައި މިއަދު ދައުލަތުގެ ފަރާތުން ދީފައިވާ ރައްދުތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ރައްދު ދޭން ބޭނުންވާނަމަ އެ ފުރުސަތު ދެއްވާނެ ކަމަށް ފަނޑިޔާޒު މަހާޒު ވަނީ ވިދާޅުވެފަ އެވެ. އަދި އެވާހަކަތަކަށް ދައުލަތުން ރައްދު ދޭން ބޭނުންވާނަމަ އެ ފުރުސަތު ދިނުމަށްފަހު ދެން ފަނޑިޔާރުންގެ ސުވާލުތައް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެންް ބާއްވާނީ އަންނަ ހޯމަ ދުވަހުގެ 9:00 ގައެވެ.