ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެމްއެމްޕީއާރްސީން، އެސްއޯއެފް ކުންފުންޏަށް ޖަމާކޮށްފައިވާ ކަމާ ދޭތެރޭ ސުވާލު އުފެދިއްޖެ އެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވަނީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އެމްއެމްޕީއާރްސީ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ކުށް ސާބިތުމާ ގުޅިގެންނެވެ.
ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފްގެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިގެންނެވެ.
ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލާގައި ދަށު ކޯޓުން އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކުރުމުން ސުޕްރީމް ކޯޓުގައި މިއަދު އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެކެވެ. އެކަމަކު މިއަދުގެ އަޑުއެހުމަކީ އިސްތިއުނާފްގެ އަޑުއެހުންތައް ނިމިފައިވަނިކޮށް ފަނޑިޔާރުން އިތުރު ކަމެއް ސާފުކުރަން ޖެހިގެން ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާކުރަމުންދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާ މައްސަލަ ފާހަގަކުރައްވާފަ އެވެ. އެއީ ކުރިން ރައީސް ޔާމީންގެ ދިފާއީ ޓީމުން ވެސް ސުޕްރީމް ކޯޓުގައި ފާހަގަކުރި މައްސަލަ އެކެވެ.
އެ މައުލޫމާތުތައް ރައީސް ޔާމީންގެ ވަކީލުންނަށް ލިބުނީ ވޮޑަމުލާގެ މައްސަލާގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާ ގުޅޭ އިސްތިއުނާފް މައްސަލާގައި ހައިކޯޓުން ހުކުމްކުރި ގަޒިއްޔާގެ ލިޔުންތަކުގައި ވޮޑަމުލާގެ ފައިސާ ލިބުނު ޗެކްގެ ނަންބަރު އޮވެފައި އެ ލިޔުންތައް ސުޕްރީމް ކޯޓުން ރައީސް ޔާމީނާ ހިއްސާކުރުމުންނެވެ.
އަޑުއެހުން ފެށުމަށްފަހު ފަނޑިޔާރު މަހާޒު މިއަދު އެންމެ ފުރަތަމަ ދައުލަތާ ސުވާލުކުރެއްވީ އެ ޗެކް ނަންބަރުގައި އޮޅުންތަކެއް އުޅޭތީ އެކަމުގަ އެވެ. އަދި އެއީ ރައީސް ޔާމީނަށް ދައުވާ ކުރާ މައްސަލާގައި ވާހަކަދައްކާ ޗެކްތޯ އެއްސެވި އެވެ.
ޖަވާބުގައި ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ އެކައުންޓް ސްޓޭޓްމަންޓްގައިވާ ޗެކް ނަންބަރާއި ޑިޕޮސިޓް ސްލިޕްގައިވާ ނަންބަރު ދިމާނުވީ ޗެކް ނަންބަރު ސިސްޓަމަށް އެންޓަކުރިއިރު ހަތަރާއި ފަހަކާ އޮޅިފައިވާތީ ކަމަށެވެ. އޭނާ ވިދާޅުވީ ދައުވާ ކުރިއިރު ދައުލަތަށް އެ އޮޅުން އަރާފައި އޮތް ކަން ފާހަގަނުވާ ކަމަށާއި ފަހުން އެކަން އެނގިގެން ތަހުގީގު ކުރި ފަރާތާ ސުވާލުކުރުމުން އެއީ އޮޅުމެއް ކަމަށް އެ ފަރާތުން ވެސް ބުނާ ކަމަށެވެ.
ވަކީލް ވިދާޅުވީ ޗެކްގައި އޮޅުމެއް އޮތަސް ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވާނެ ކަމަށެވެ. އެއީ އެކައުންޓަށް ވަން ފައިސާގައި ޝައްކުގެ ހާލަތްތަކެއް އޮތީމާ ކަމަށް ވިދާޅުވި އެވެ.
ޝަރީއަތުގައި ފަނޑިޔާރު މަހާޒް ވަނީ އިތުރު މައްސަލައެއްވެސް ނަންގަވާފަ އެވެ. އެގޮތުން ދައުލަތާ ސުވާލުކުރައްވަމުން ފަނޑިޔާރު ވިދާޅުވީ ވާހަކަ ދެކެވޭ ޗެކް، ރައީސް ޔާމީންގެ މައްސަލާގައި ކޯޓަށް ހުށަހަޅާފައި ނެތް ކަމަށާއި ޒިޔަތުގެ މައްސަލާގައި އެ ޗެކް ހުށަހަޅާފައިވާ ކަމަށެވެ. ފަނޑިޔާރު އެ މައްސަލަ ނެންގެވުމުން ދައުލަތުގެ ވަކީލް ވިދާޅުވީ އެހެން ދިމާވެފައި އެވަނީ ދެ މައްސަލަ ވަކީލުންގެ ދެ ޓީމަކުން ގެންގުޅެފައިވާތީއާއި ކޮންމެ މައްސަލައެއްގެ ލިޔުންތައްވެސް ސިއްރުން ގެންގުޅެފައިވާތީ ކަމަށެވެ.
ދައުލަތުން ދެއްކި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަބްދުﷲ ޝިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ވެސް އަދި ޒިޔަތުގެ މައްސަލަ ވެސް ތަހުގީގުކުރީ ފުލުހުން ކަމަށެވެ. ތަހުގީގުގެ ލިޔުންތައް ފުލުހުން ޕީޖީއާ ހިއްސާކުރުމުން ޕީޖީގެ ވަކީލުންނަށް އެ ލިޔުންތައް ހުންނަންވާނީ ލިބިފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޗެކް ނަންބަރު ދައުލަތަށް އޮޅުންއެރި ކަމަށް ވިދާޅުވާއިރު ދަށު ކޯޓު މަރުހަލާގައި އެކަން ފާހަގަނުކުރީ ކީއްވެތޯ ޝިޔާޒު ސުވާލު އުފެއްދެވި އެވެ.
އަޑުއެހުން ފެށިތާ 15 ވަރަކަށް މިނެޓް ފަހުން ފަނޑިޔާރު މަހާޒް މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ މަހު ސުޕްރީމް ކޯޓު، ޗުއްޓީއަށް ދިއުމުގެ ކުރިން މައްސަލާގައި ހުކުމްކުރައްވާނެ ކަމަށް ވިދާޅުވުމަށްފަހު އެވެ.