ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލަ ނިންމުމަށް މިމަހުގެ 30 ވަނަ ދުވަހު އަޑުއެހުމެއް ތާވަލްކޮށްފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުމް މިމަހުގެ 30 ވަނަ ދުވަހުގެ 8:45 އަށް ތާވަލްކޮށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށްފައި ވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ.
ޔާމީންގެ މައްޗަށް އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށް، އެސްއޯއެފްގެ ޗެކަކުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ތަހުގީގަށް ފާހަގަކުރެވިގެންނެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް މިމަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި އެވެ. އެ އަޑުއެހުން ބާއްވާފައި ވަނީ މައްސަލައިގެ ލިޔުންތައް ދިރާސާކުރަމުންދިޔައިރު ޑިޕޮސިޓް ސްލިޕުން ފެންނަން އޮންނަ އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް ނަންބަރާއި އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓުގައި އޮތް ޗެކް ނަންބަރު ދިމާނުވާ މައްސަލައެއްގަ އެވެ. އެކަމާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ އެއީ އޮޅުމަކުން ދިމާވެފައިވާ ކަމެއް ކަމަށެވެ.