އެމްއެމްޕީއާރުސީގެ ހިޔާނާތް

އެސްއޯއެފަށް ދައުވާ ނުކުރާނެ، އެމީހުންގެ އެހީ ބޭނުން: ދައުލަތް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ދައުލަތުގެ ފަރާތުން މިއަދު ސުޕްރީމް ކޯޓުގައި ބުނެފި އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާތައް ޖަމާކޮށް އެކި މީސްމީހުންނަށް ބަހާފައި ވަނީ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށެވެ. މިކަމުގައި އެސްއޯއެފް ކުންފުނީގެ މީހުން ވެސް ވަނީ ޝާމިލްވެފަ އެވެ.

އެސްއޯއެފްގައި އިސްކޮށް އުޅުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި އޭނާގެ ގާތް މީހުން ކަމަށްވާ މުހައްމަދު ހުސައިން (އޮއިއްޓޭ) އަދި އަހްމަދު އިޝްފާހު އަލީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުނެވެ. ނަމަވެސް އެ ނޯޓިސް ފަހުން ވަނީ ބާތިލްކޮށްފަ އެވެ. އެމީހުން އަދިވެސް ދިރިއުޅެމުން ދަނީ ރާއްޖެއިން ބޭރުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރިންގެ ކުށުގެ އިސްތިއުނާފީ ޝަރީއަތުގައި މިއަދު ފަނޑިޔާރުން ވަނީ ދެފަރާތާވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފަ އެވެ. ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ ދައުލަތަށް ގިނަ ސުވާލުތަކެއް އަމާޒުކޮށްފަ އެވެ. އެގޮތުން އެސްއޯއެފްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައި ދައުވާއެއް ކުރެވުނުތޯ އާއި އެ ކުންފުނީގެ އެކައުންޓްގައި ހުރީ ހަމައެކަނި އެމްއެމްޕީއާރްސީގެ ފައިސާތޯ އެއްސެވި އެވެ.

ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ނައުފަލް ވިދާޅުވީ އެސްއޯއެފްގެ މައްޗަށް ދައުލަތުން ދައުވާ ނުކުރަން ނިންމާފައިވާ ކަމަށެވެ. ސަބަބަކީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން މިހާރު ދައުވާ ކޮށްފައިވާ އަދި ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އެމީހުންގެ އެއްބާރުލުން ބޭނުންވާތީ ކަމަށެވެ. ހިޔާނާތުގެ ފައިސާގެ ތެރެއިން ފެންނަން އޮތީ ޗެކުތައް މެދުވެރިކޮށް ޖަމާކޮށްފައިވާ ފައިސާ އެކަނި ކަމަށް ނައުފަލް ވިދާޅުވި އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރިއިރު އެމީހުން ރާއްޖޭގައި ނެތްކަން ފާހަގަކުރައްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ 2019 ވަނަ އަހަރު އެސްއޯއެފް ކުންފުނީގެ ދެ މީހެއްގެ ބަޔާން ނެގި ކަމަށެވެ. އޭރު ދަށު ކޯޓުގައި މި މައްސަލަ ހިނގަމުން ދިޔައިރު ހެކީގެ ގޮތުގައި އެ ބަޔާންތައް ހުށަހެޅި ނަމަވެސް ދަށު ކޯޓުން ބަލައިގެންފައި ނުވާ ކަމަށެވެ.

ދައުލަތުން އިތުރަށް ފާހަގަކޮށްފައި ވަނީ އެސްއޯއެފް އަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ފައިސާ ބަންޑަލް ކުރުމަށް ގެންގުޅުނު ހަތިޔާރެއް ކަމަށެވެ.

ފަނޑިޔާރު އަޒްމިރަލްދާ ދައުލަތާ ކުރިމަތިކުރުވި އަނެއް ސުވާލަކީ މި މައްސަލައިގައި ކުށް އުފަންވާ ހިސާބަކީ ކޮބައިކަމާއި މި ކުށް ކުރީ ކާކު ކަން ސާފު ކުރުމަށެވެ. މި ކުށް އުފަންވެފައިވާ ހިސާބު ބަޔާންކުރަމުން ދައުލަތުގެ ވަކީލް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވަތް ހިސާބުން ކަމަށެވެ. އެއީ ޝައްކު އުފެދޭ ފައިސާކަން އެނގިހުރެ އެކަމަށް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވެސް ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އެމަނިކުފާނަށް ގުޅުއްވައި އެ ޗެކު ޖަމާވިކަމަށް ވިދާޅުވި ހިސާބުން އެ މައްސަލަ ބެއްލެވުމަށް އެންގެވި ކަމަށެވެ. ނަމަވެސް އެކަން އެއްވެސް ރަސްމީ ލިޔެކިޔުމަކުން ފެންނަން ނޯންނާނެ ކަމަށާއި އެކަން އެންގީ ފޯނުން ކަމަށް ވިދާޅުވި އެވެ.

އެސްއޯއެފް އެކައުންޓާ ގުޅިގެން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްސަވާފައި ވަނީ އެ އެކައުންޓްގައި ހުރި ހުރިހާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާތޯ އެވެ. އަދި އެކުންފުނީގެ ކޮންމެ ފައިސާ އަކާ ގުޅިގެން ދައުވާ ކުރަން ޖެހޭނެތޯ އެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ފަރާތުން ވަކީލް ވިދާޅުވެފައި ވަނީ އެ އެކައުންޓްގައި ހުރި ހުރިހާ ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުކޮށްދެވެން ނެތް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރާ މެދު ޝައްކު އުފެދޭ ހާލަތެއް އުފަންވެފައި އޮތް ކަމަށެވެ.

ފަނޑިޔާރު މަހާޒު ދެން އެއްސެވީ ޝައްކު ކުރެވޭ ފައިސާއަށްވާއިރު ދެ ގޮތަކަށް މައްސަލަ ފުރޮޅިދާނެ ކަމަށެވެ. ރަނގަޅަށް މައްސަލަ ފުރޮޅިއްޖެނަމަ ނުވަތަ އެ ފައިސާ އަކީ ރަނގަޅު ގޮތުގަ ލިބިފައިވާ ފައިސާކަން ހާމަވެއްޖެމަ ދެން ވާނީ ކިހިނެއްތޯ އެއްސެވި އެވެ.

"މަނީ ލޯންޑަރިންގެ މި ކުށުގެ އަމަލު ފެށުނުއިރުވެސް ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް އެއީ ވަކި ކުށެއް ކޮށްގެން ނުވަތަ އެ މުދަލަކީ ކުށަކާ ގުޅިގެން އެހެން މީހަކަށް ލިބިފައިވާ ކުށެއް ކަމަށް އެކަށީގެންވާ ސަބަބު އޮންނާނެ އެހާލަތުގައި ވެސް. އެއީ މަނީލޯންޑަރިން ކުށުގަ ދައުވާ ކުރާ މީހާއާ ޝައްކުގެ މަހައްލު މި ގުޅުވާލެވެނީ. ވަކި ފައިސާއެއް މިގުޅުވާލެވެނީ. އެހާލަތުގައި އެމީހާގެ ނަޒަރުގަ ނުވަތަ އެމީހާގެ މައްޗަށް ދައުވާކުރަން ބަލާއިރު އެމީހާއަށް އެ ޝައްކު އަދިވެސް އޮންނާނެ،" ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.

އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވުމުން އެސްއޯއެފްއާ އެއްވެސް ސުވާލެއް ކުރިންތޯ ރައީސް ޔާމީނާ، ފަނޑިޔާރު ސުވާލުކުރެއްވި އެވެ. ޖަވާބުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ފިނިފެންމާ ލޯންޗް ގޮއްވައިލި މައްސަލައާއި ހިސާބުން އެމީހުން ރާއްޖެ ދޫކޮށް ގޮސްފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން އެއްވެސް މުއާމަލާތެއް އެމީހުންނާ ކުރެވިފައިވާ ނުވާ ކަމަށެވެ.

ފަނޑިޔާރުންގެ ސުވާލުތަކާއެކު މިއަދު ޝަރީއަތް ނިންމައިލި އެވެ. އަޑުއެހުން ފެށުމުގެ ކުރިން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ އާ ހެކިތަކާ ގުޅޭގޮތުން ވާހަކަދައްކަވާނެ ކަމަށް ފަނޑިޔާރު ވިދާޅުވި ނަމަވެސް ވަގުތު ނެތުމުން ދެން އޮންނަ އަޑުއެހުމަށް އެކަން ފަސްކުރީ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ، ކަފާލާތުގެ ދަށުން ދޫކޮށްލުމާއި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމާއި ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަން ވަނީ ނިންމާފަ އެވެ. އެއަށްފަހު އެކަމަށް ގޮތެއް ކަނޑައަޅާނެ ކަމަށް ފަނޑިޔާރު މަހާޒް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރު އެވެ.