ރައީސް އަބްދުﷲ ޔާމީން

ޔާމީންގެ ފަހުބަސް: އިންސާފުން ގޮތް ނިންމައިދީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ގޮތް ނިންމަވާއިރު އިންސާފުވެރި ނިންމުމެއް ނިންމަވައި ދެއްވުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފީ މައްސަލަ އެވެ.

މި މައްސަލައިގައި ހުލާސާ ބަޔާން އިއްވުމަށް ރައީސް ޔާމީނަށް ދެއްވި ފުރުސަތުގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަދުލުގެ ދިގު މަރުހަލާ ފެށެނީ ތަހުގީގު މަރުހަލާއިން ކަމަށެވެ. ފަނޑިޔާރުންގެ ނިޔާގެ މުގުރު ނަންގަވާއިރު ވަށައިގެންވާ ހުރިހާ ކަންކަމަކަށް ބެއްލެވުމަށް އެދިވަޑައިގަތެވެ. އަދި އެމަނިކުފާނުގެ ޝުއޫރުތައް އެއްސެވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހިއްސާކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އޭސީސީގެ ރައީސް ހަސަން ލުތުފީ އަދި އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ ބަޔާނުގައި އެމަނިކުފާނާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކާ ގުޅިގެން ތަހުގީގު މަރުހަލާގައި އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އެމަނިކުފާނު ތަހުގީގަށް ދެއްވި ބަޔާނުގައި ވޮޑުމުލާ ކުއްޔަށް ދީގެން ހޯދާފައިވާ ފައިސާ އާއި ގުޅުންހުރި އެއްވެސް ވާހަކައެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން އެއްވެސް ކަމެއްް ސާފުކުރަން ސުވާލެއް ވެސް ކުރައްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ގޮތް ކަނޑައަޅާއިރު މިކަންކަމަށް ރިއާޔަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ ދައުލަތުގެ ފަރާތުން އަދުލުގެ ނިޒާމަށް އަތް ބޭނުމަށްޓަކައި ކޮށްފައި ހުރި މަސައްކަތް މި ފެންނަނީ. މީގައި ގާނޫނީ ނުކުތާއެއް އިންސްޓިލް ކުރާކަށް ދައްކާ ވާހަކައެއް ނޫން މީކީ، މިއީ ޝައްކުން ފުރިފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މައްސަލައެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން މުޅި މި މައްސަލައިގައި ޖިނާއީ އޮޑިޓެއް ހެދިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެސްއޯއެފް އާއި އެމްއެމްޕީއާރްސީ ހިމެނޭހެން ޖިނާއީ އޮޑިޓެއް ހަދަން ޖެހޭނެ ކަމަށާއި އެހެންކަމުން އެމަނިކުފާނާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅޭކަން ސާބިތުވާ ކަމަށް ވިދާޅުވި އެވެ. މިއީ "ސިލެކްޓިވް ޑިސްކްރިމިނޭޝަން ޕްރޮސެކިއުޝަން" އެއް ކަމަށްވެސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން އިތުރަށް ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ އޯޑިއޯތަކެއް ކަމަށް ބުނާ އޯޑިއޯތަކެއް ވެސް ލީކުވެފައިވާ ކަމަށެވެ. އެ އޯޑިއޯތައް ލީކުވިތާ މަހެއްވާއިރު އެއްވެސް އިދާރާއަކުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑުގެ ޝުއޫރުތައް މި ދަންނަވަނީ. މި ޝުއޫރުތަކަށް ފަނޑިޔާރުން ވިސްނާ ވަޑައިގެންފައި އަޅުގަނޑަށް ގޮތެއް ނިންމަވާ ދެއްވާ. ވަކި ގޮތަކަށް ގޮތެއް ނިންމަވައިދޭކަށް ނޫން މިދަންނަވަނީ. އެކަމަކު ފަނޑިޔާރުންގެ ހިޔާލުފުޅަށް އަޅުގަނޑު މި ދޫކޮށްލަނީ މިހިރީއޭ މިކަންކަން ހިނގާފައި އޮތް ގޮތް،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މައްސަލައިގެ މިހާ ހިސާބަށް އައިރު ގިނަ ހައްގުތަތަކަކުން މަހުރޫމް ވެފައިވާ ކަމަށެވެ. މުޅި މި މައްސަލަ އަކީ މަކުނުވަލުން ފުރިފައިވާ މައްސަލައެއް ކަމަށާއި އެންމެ ފުނަށް ވާސިލް ވެވޭނީ އެ މަކުނުވާތައް ސާފުކުރުމުން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުތައް އެއްސެވުމަށްފަހު ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ފަނޑިޔާރުން ގޮތް ނިންމެވުމުގައި ފާޅުކުރާ ޝުއޫރަކަށް ނުބައްލަވާނެ ކަމަށެވެ، ފަނޑިޔާރުން ބައްލަވާނީ ގާނޫނުގައިވާ ކަންކަމާއި ހެއްކާއި ގަރީނާގެ މައްޗަށް ކަމަށެވެ.

ދައުލަތުގެ ފަރާތުން ހުލާސާ ބަޔާން އިއްވަމުން ވަކީލް އަހުމަދު ނައުފަލް ވިދާޅުވީ މި މައްސައަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މައްސަލައެއް ކަމަށެވެ. ރައީސް ޔުާމީންގެ އެކައުންޓްގައި ހުރީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން ސާބިތުވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ފަރާތްޕުޅުން އެވިދާޅުވާ ކެމްޕޭނު "ހަދިޔާ"ގެ ގޮތުގައި ހެޔޮއެދޭ ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށް އެ ވިދާޅުވާ ފައިސާގެ ސައްހަކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. ސަބަބަކީ އެމަނިކުފާނު އޭރު ހުންނެވި މަގާމުގެ ގޮތުން ގާނޫނީ ނަޒަރަކުން ބަލާއިރު އެފަދަ ހަދިޔާ ބަލައި ނުގަނެވޭނެ ކަމަށެވެ.

ނައުފަލް އިތުރަށް ވިދާޅުވީ ސީދާ ރައީސް ޔާމީން އަމިއްލަފުޅަށް ވެސް އެކައުންޓް ނަންބަރު އަހްމަދު އަދީބަށް ހިއްސާކުރައްވާފައިވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެސްއޯއެފްގެ އެކައުންޓަށް ވަން 70 މިލިއަން ޑޮލަރާ ގުޅިގެން ހާއްސަ އޮޑިޓް ރިޕޯޓެއް އޭސީސީން ރައީސްގެ އެންގެވުމަށް ހަދާފައިވާ ކަމަށާއި، ނަމަވެސް އެކަމާމެދު އޭރުގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޔާމީން އަޅާލައިފައި ނުވާ ކަމަށެވެ. އެކަމުން ވެސް އެއީ ކުށްކޮށްގެން ހޯދައިފައިވާ ފައިސާކަން ސާބިތުވާ ކަމަށެވެ.

ދިގު ބަހުސްތަކަކަށްފަހު މިއަދު ވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފަ އެވެ. ފަނޑިޔާރު މަހާޒް ވިދާޅުވީ މައްސަލައިގައި ރައުޔު ލިޔުއްވާއިރު އެއްވެސް ވާހަކައެއް އަދި އެއްވެސް ލިޔެކިޔުމެއް ދޫނުކުރައްވާ ހުރިހާ ކަމަކަށް ރިއާޔަތް ކުރައްވާނެ ކަމަށެވެ. އަދި މި މައްސަލައިގެ ގޮތުން ވަރަށް ބޮޑަށް ދިރާސާ ކުރައްވަން ޖެހޭނެ ކަމަށާއި، ކޯޓު ރިސެސްއަށް ދިއުމުގެ ކުރިން ހުކުމް އިއްވުމަށް އަޑުއެހުމެއް ތާވަލް ކުރައްވަވާނެ ކަމަށެވެ. ކޯޓު ރިސެސްއަށް ދާން ދެން އޮތީ 56 ދުވަހެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ މި މައްސަލައިގައި ފަނޑިޔާރުންގެ ރައުޔު ބިނާކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް އަމަލެއް ހަސްމުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ކޯޓުން އެދިގެން ނޫނީ އެއްވެސް ލިޔެކިޔުމެއް މި މުއްދަތުގެ ތެރޭގައި ކޯޓަށް ފޮނުވައިގެން ވެސް ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.