ރައީސް ޔާމީންގެ ޝަރީއަތް

ރައީސް ޔާމީންގެ ހުށަހެޅުންތަކަށް ގޮތް ނިންމުން މާދަމާ

ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން މާދަމާ ގޮތް ނިންމަވާނެ ކަމަށް ޝަރީއަތުން ބުނެފި އެވެ.

މި މައްސަލައިގެ ތެރެއިން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ އާ ހެކިތަކެއް ހުށަހަޅައި އަދި ކަފާލާތުގެ ދަށުން އެ މަނިކުފާނު ދޫކޮށްދިނުމަށާއި ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދިނުމަށް އެދި ހުށަހަޅާފަ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި މި ތިން ކަންތަކާ ބެހޭ ގޮތުން ދެ ފަރާތުން ވަނީ ވާހަކަ ދައްކާފަ އެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ދިފާއީ ވަކީލް ޑރ، މުހައްމަދު ޖަމީލް އަހުމަދު ވަނީ އިންޑިއާގެ ގިނަ ގަޒިއްޔާތަކަށް ހަވާލާ ދެއްވާފަ އެވެ. ޖަމީލް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ތުހުމަތެއްކޮށް، ތަހުގީގުކޮށް އަދި ޝަރީއަތް ހިންގާފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، އެމަނިކުފާނުގެ އިންސާނީ ހައްގުތަކެއް ވެސް ގެއްލިފައިވާ ކަަމަށެވެ.

ޖަމީލް ވިދާޅުވީ ކަފާލާތުގެ ދަށުން ދޫކޮށް ނުލެވޭނީ ފިލައިފާނެ ކަމުގެ އިހުތިމާލު އޮންނަ މީހެއް ކަމަށްވެފައި އަދި ކޯޓަށް ހާޒިރު ނުވެދާނެ ކަމުގެ އިހުތިމާލް އޮތް މީހުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ އެފަދަ ކަންކަމަށް ކިޔަމަންތެރި ބޭފުޅެއް ކަމަށެވެ.

މީގެ އިތުރުން ޖަމީލް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިޝް މައުމޫނު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ހުކުމް ތަންފީޒު ކުރުން ފަސް ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމުގައި ދިފާއީ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދި ހައިކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ކަންތައްތަކަކީ ތެދުކަމަށް ބަލައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. ފަނޑިޔާރުން މި މައްސަލަ ނިންމަވާފައި ވަނީ ގާނޫނު އެއްފަރާތްކުރުމަށް ފަހުގައި ކަމަށާއި އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށެއް ސާބިތު ކުރުމެއް ނެތި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުކުމްކޮށްފައި ވާތީ މިއީ ހުކުމް ކުރުން ފަސް ކުރެވޭނެ ސަބަބުތަކެއް ކަމަށް ވަކީލް ވަނީ ވިދާޅުވެފަ އެވެ.

މި ދެ ހުށަހެޅުމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވިދާޅުވެފައި ވަނީ މި ހުށަހެޅުންތަކަކީ ހައިކޯޓަށް ހުށަހަޅައި އެކޯޓުން ގޮތެއް ނިންމާފައިވާ ދެ ހުށަހެޅުން ކަމަށެވެ. ހައިކޯޓުގެ ފަނޑިޔާރުން ގޮތް ނިންމުމުގައި ގާނޫނީ ގޯހެއް ހައްދަވާފައިވާނަމަ އެ ނިންމުން އިސްތިއުނާފް ކުރުމުގެ އިހުތިޔާރު ލިބޭނެ ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކޮށްފައި ނުވާ ކަމަށެވެ.

ނައުފަލް ވިދާޅުވީ ކަފާލާތުގެ ދަށުން ކުށްވެރިޔަކު ދޫކޮށްލުމަކީ ގާނޫނުގެ އެއްވެސް އަސާސެއް އަދި އެއްވެސް ހަމައެއްގައި އޮންނަ ކަމެއް ނޫން ކަމަށެވެ. ގާނޫނުގައި އޮންނަނީ މީހަކު ހުކުމެއް ކުރުމުގެ ކުރިން ތަހުގީގު މަރުހަލާގައި ނުވަތަ ބަންދު މަރުހަލާގައި ކަފާލާތުގެ ދަށުން ދޫކޮށްލެވޭނެ ކަމަށެވެ.

ދެފަރާތުގެ ވާހަކަތައް ދައްކައި ނިމުނުއިރު މިއަދުގެ ޝަރީއަތް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން އަޑުއެހުން ވަނީ ނިންމާލާފަ އެވެ. ނަމަވެސް މާދަމާގެ ވަގުތެއްގައި އަޑުއެހުމެއް ތާވަލް ކުރާނެ ކަމަށް ފަނޑިޔާރު މަހާޒް ވަނީ ވިދާޅުވެފަ އެވެ.

މާދަމާ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަންކަމަށް ގޮތެއް ކަނޑައަޅައި އަދި ދެ ފަރާތުން ހުލާސާ ބަޔާން އިއްވުން އޮންނާނެ އެވެ. އެއަށްފަހު އަޑުއެހުންތައް ނިންމައިލައި ދެން އޮންނާނީ ހުކުމް އިއްވުމެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިދު އަދި ޑރ. މުހައްމަދު އިބްރާހީމް އެވެ.