ދުނިޔެ

ސައުދީގައި މުނިސިޕަލް ކައުންސިލްގެ 17 ގޮނޑި އަންހެނުންނަށް

ސައޫދީ އަރަބިޔާގައި އިއްޔެ ބޭއްވި މުނިސިޕަލް ކައުންސިލްތަކުގެ އިންތިހާބުގައި 17 ގޮނޑި އަންހެން ކެންޑިޑޭޓުން ކާމިޔާބު ކޮށްފި އެވެ.

ސައުދީގައި އިންތިހާބަކަށް ވާދަކުރުމުގެ ހައްގު އެގައުމުގެ އަންހެނުންނަށް ދިން މިއީ ފުރަތަމަ ފަހަރަށްވާއިރު މި އިންތިހާބުގައި 1،000 އަންހެނުން ވާދަކުރި އެވެ. އަދި ވޯޓް ލުމުގެ ހައްގު އަންހެނުންނަށް ވެސް ލިބުުނު މިއީ ފުރަތަމަ ފަހަރެވެ.

މި އިންތިހާބު ކާމިޔާބުކުރި 17 އަންހެނުންގެ ތެރެއިން ހަތަރު ބޭކަނބަލުން ނިސްބަތްވަނީ ޖިއްދާ ސިޓީގެ މުނިސިޕަލް ކައުންސިލަށެވެ. އަދި އިހްސާ އާއި ގަތީފް އާއި ޖަވްދު މިތިން ސިޓީގެ ތެރެއިން ކޮންމެ ސިޓީއެއްގެ މުނިސިޕަލް ކައުންސިލުންވެސް ތިން ގޮނޑި އަންހެނުން ކާމިޔާބުކުރި އެވެ. މީގެއިތުރުން މައްކާ އާއި ބާބިތީން އާއި ރިޔާޒް މިތިން ސިޓީގެ ތެރެއިން ކޮންމެ ސިޓީއެއްގެ މުނިސިޕަލް ކައުންސިލުންވެސް އެއް ގޮނޑި އަންހެނުން ކާމިޔާބު ކުރި އެވެ.

މި އިންތިހާބު ކާމިޔާބުކުރި ބައެއް އަންހެނުން ބުނީ އިންތިހާބުގައި ވާދަކުރީ ކާމިޔާބު ވާނެ ކަމުގެ އެއްވެސް އުއްމީދެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް އިންތިހާބު ވުމުން މަގާމުގެ ޒިންމާ އެންމެ އެދެވޭ ގޮތުގައި އުފުލާނެ ކަމަށް ވިދާޅުވި އެވެ.

ސައޫދީ މުނިސިޕަލް ކައުންސިލްތަކަކީ ވެރިކަމުގެ މާބޮޑު ބާރުތަކެއް އޮންނަ ކައުންސިލްތަކެއް ނޫން ނަމަވެސް އެގައުމުގެ ސަރުކާރުގެ ޕްލޭންތަކާ އެއްގޮތަށް ކަންކަން ކުރުމުގެ އިހުތިޔާރު މި ކައުންސިލްތަކަށް ލިބެ އެވެ. ޖުމްލަ 284 މެންބަރުންގެ މައްޗަށް އެކުލެވޭ މިކައުންސިލްތަކުުގެ ބައެއް މެންބަރުން އައްޔަން ވެސް ކުރާނެ އެވެ.

ރަސްކަމެއް އޮންނަ ސައޫދީގައި ބާއްވާ ހަމައެކަނި އިންތިހާބަކީވެސް މުނިސިޕަލް ކައުންސިލްތަކުގެ އިންތިހާބެވެ