އަލީ ޒާހިރު

އިންޑިއާ އައުޓް ކެމްޕޭނަކީ ޣައްދާރުވުން، ހުއްޓުވާނަން: އަލީ ޒާހިރު

Dec 22, 2021
6

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމަށް ޣައްދާރުވުމުގެ އަމަލަކަށް ވާތީ އެ ކެމްޕޭންގެ ދަށުން ހަރަކާތްތައް ހިންގަން ސަރުކާރުން ދެން ފުރުސަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕޭނަކީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި އެއީ ވަކި ބައެއްގެ އަމިއްލަ މަގުސަދެއް ހާސިލްކުރަން ހިންގާ ޖަރީމާއެއް ކަމަށެވެ. ހަމަޖެހުމާއި ސުލްހަ ގާއިމުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށްވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތް ބަލައިނުގަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިޔަކީ ސިޔާސީ ހަރަކާތް ހިންގުމެއް ނޫނޭ. މިއީ ކަނޑައެޅިގެން ދިވެހި ގައުމާ ދެކޮޅަށް ހިންގޭ ޖަރިމާއެއް. ޣައްދާރުވުމުގެ އަމަލެއް ކަމަށް އަޅުގަނޑު ދެކެނީ. މިކަން ދެން މިހެން ހިންގާ ކަށެއް ސަރުކާރުން ކުރިއަށް ފުރުސަތެއް ނުދޭނެ. އެހެންވީމަ އެކަންކަން ހުއްޓާލާފައި ސިޔާސީ މަސައްކަތުގައި ކުރިއަށް ދާން އަޅުގަނޑު އެބޭފުޅުންނަށް ގޮވާލަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހިޔާލުފާޅުކުރުމުގެ ހައްގަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި އެކަމަކު އިންޑިއާ ހަރަކާތަކީ ހިޔާލުފާޅުކުުރުމުގެ ހައްގުގެ ތެރެއިން ހިންގާ ކަމެއް ނޫން ކަމަށެވެ. އިންޑިއާ އައުޓް ކެމްޕޭނަކީ މުޖުތަމައުގެ އަމާންކަން ގެއްލުވާލުމަށް ހިންގާ ހަރަކާތެއް ކަމަށް ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ އެ ހަރަކާތުގެ ސަބަބުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ނުރައްކަލަކާ ކުރިމަތިވެދާނެ ކަމަށެވެ.

ރައީސް ކަން ކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ޔާމީން ހިންގަވަމުން ގެންދަވަނީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށްވެސް ސިފަކުރެއްވެވި އެވެ. ރާއްޖެއަށް އަބަދުވެސް އެހީތެރިވާ ރާއްޖޭގެ އަވަށްޓެރި އިންޑިއާއާ ޒާތީ ގޮތުން ދިމާކުުރުމާއި ރާއްޖެއަށް އަންނަ ފަތުރުވެރިން އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިކުރުވުމަކީ އޭގެ މިސާލެއްގެ ގޮތުގައި ދެއްކެވި އެވެ.

އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އެއްވެސް ހީނަރުކަމެއް ނާންނާނެ ކަމުގެ ޔަގީންކަންވެސް އަލީ ޒާހިރު ދެއްވެވި އެވެ. އެކަމަކު އިންޑިއާ އައުޓް ކެމްޕޭނާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ފަރުދީ ގޮތުން ހިނގާފާނެ ކަމަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަލީ ޒާހިރު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް މިސަރުކާރުން ހަދާފައިވާ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. މިސަރުކާރުން ކުރި ކަމަކީ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒުކޮށްދިނުން ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި އިންޑިއާ އަސްކަރީ ސިފައިން ތިބި ކަމަށް ވާނަމަ އެ ބަޔަކު ރާއްޖޭން ފެންނާނެ ކަމަށް ފާހަގަކުރައްވާ އަލީ ޒާހިރު ވިދާޅުވީ ރާއްޖޭގައި ތިބީ އަސްކަރީ ޑޮކްޓަރުންނާއި ޓެކްނިކަލް ބައެއް ކަމަށެވެ.