އަލީ ޒާހިރު

"ގައުމީ ކާޑު" ކުޅެނީ ހަޖަމު ނުވެގެން: އަލީ ޒާހިރު

ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން "ގައުމީ ކާޑު" ކުޅެން ފެށީ ހަޖަމު ނުވެގެން ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުންގެ ގައިގައި ލޭ ހިނގާހާ ހިނދަކު މިގައުމުގެ ފަސްގަނޑުން ވިޔަސް ކަނޑުން ވިޔަސް އެންމެ އިންޗިއެއް ވެސް ދޫކޮށް ނުލާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ އަކީ ގައުމަށް ޣައްދާރުވި ބަޔަކު އުޅޭ ޕާޓީއެއް ކަމަށްވެސް އަލީ ޒާހިރު ސިފަކުރައްވާފައިވެ އެވެ. ނަމަވެސް އެ ދެ ޕާޓީގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.

އަލީ ޒާހިރު ވިދާޅުވީ ގައުމަށް ޣައްދާރުވި ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ފެތުރި "ޔޯލަ" ވާހަކަތަކަށް ރައްޔިތުން ނުހެއްލުން އެދޭ ކަމަށެވެ.

"ސަރުކާރުން ރައްޔިތުންނަށް ފައިދާ ހުރި ސިޔާސަތުތައް ތަންފީޒުކުރަމުން ދާތީ އެކަން ހަޖަމު ނުވެގެން ދައްކާނެ ވާހަކައެއް ނެތިގެން 'ނެޝަނަލް ކާޑު' ކުޅެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން ދަނީ. މިކަމާ ރައްޔިތުން ސަމާލުވުން އެދެން،" އަލީ ޒާހިރު ވިދާޅުވެފައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔާ އެއް މައްސަލަ އަކީ އިންޑިއާ އާއި އެކު ސަރުކާރުން ބާއްވާ ގާތްގުޅުމެވެ. އިދިކޮޅުން ދެކޭ ގޮތުގައި އިންޑިއާ އިން އަމަލުކުރަނީ ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށެވެ.