މޯލްޑިވްސް ނެޝަނަލް ޕާޓީގެ ހަރަކާތްތައް ހިންގަން ފައިސާ ދޭން ބޭނުންވާ މީހުނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެންޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އެ ޕާޓީއަކީ ގައުމީ ފިކުރު ކުރިއަރުވައި ފުދުންތެރި ދިވެހިންތަކެއް އުފައްދަން މަސައްކަތް ކުރާ ޕާޓީ އެކެވެ.
ކުރިއަށް އޮތް ތަނުގައި ޕާޓީން ގިނަ ހަރަކާތްތަކެއް ހިންގަން ހަމަޖައްސާފައިވާ ކަމަށާއި އެ ހަރަކާތްތައް ހިންގަން ރައްޔިތުންނަށް އެހީތެރިވެދެވޭނެ ކަމަށެވެ.
އެމްއެންޕީއިން ބުނީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ އިދާރީ ކަންކަން ހިންގުމާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ޕާޓީގެ ގޮފިތައް އެކުލަވައިލެވިގެން ގިނަ މަސައްކަތްތަކެއް ދާއިމީ ގޮތެއްގައި އެޕާޓީއިން ކުރާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކަށް އެހީވުމުގެ ފުރުސަތު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ހުޅުވާލާފައި އޮވެއެވެ. ރާއްޖޭގައި އުފައްދާފައިވާ ޕާޓީތައް ހިންގުމުގައިވެސް އެހީތެރިވެދޭ އެކި ފަރާތްތަކުގެ އެހީ މުހިންމު ދައުރެއް އަދާ ކުރެެއެވެ.