އދ. ދަނގެތީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު އާމިރަށް ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޖޭއެސްސީން އަންގައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވަނީ އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ ޝަރީއަތް އާމިރު، ގާޒީ އަކަށް ހުންނަވައިގެން ކުރިއަށް ގެންދިޔުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތަކާ އެއްގޮތަށް އެ ގަޒިއްޔާގެ ޝަރީއަތް ހިންގުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.
ގާނޫނީ ހަމަތަކުގެ މަތިން ޝަރީއަތް ކުރިއަށް ގެންދިއުމުގެ ބަދަލުގައި ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ ސަބަބުން ވަކި ހާލަތެއް މެދުވެރިވެދާނެ ކަމަށް ކުރެވުނު ލަފައެއްގެ މައްޗަށް ބުރަވެ، ޝަރީއަތަށް ހުށަހެޅިފައި ނުވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އާމިރު އެ މައްސަލާގައި ހުކުމް ކޮށްފައިވާކަން ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އާމިރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ. އެހެންވެ އޭނާ އަށް ފިޔަވަޅެއް އެޅުމުގެ ގޮތުން ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އާމިރަށް އެންގުމަށް ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ.