ޕީޕީއެމް

ޕީޕީއެމްގެ ކެންޑިޑޭޓަކަށް ފަތުހީ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް، ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށް ދިނުމަށް އެ ޕާޓީން ނިންމައިފި އެވެ.

ޕީޕީއެމްގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ އެކަން ޔަގީންކޮށްދީފައެވެ. ހީނާ ވިދާޅުވީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ ފަތުހީ އެކަނި ކަމަށެވެ. އެހެން ކަމުން އޭނާއަށް ޓިކެޓް ދިނުމަށް ނިންމީ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކަމަށް މިހާތަނަށް އިއުލާން ކޮށްފައި ވަނީ އެމްއެންޕީގެ އިތުރުން އެމްޑީޕީ އާއި ޕީޕީއެމުންނެވެ.

އެމްޑީޕީގެ ޓިކެޓް ދީފައިވަނީ މުހައްމަދު ރާޝިދަށެވެ. އޭނާއަކީ ށ. ފޯކައިދޫ ކައުންސިލްގެ ރައީސް ކަން މިދިޔަ ތިން ދައުރު ކުރެއްވުމަށްފަހު މިހިނގާ ދައުރުގައި ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އެެވެ. ޕީޕީއެމުން ޓިކެޓް ދޭނެ ބޭފުޅަކު އެ ޕާޓީން އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓް، ށ. ކޮމަންޑޫ އަށް އުފަން އަބްދުލް ހަންނާން އިދުރީސްއަށް ދިނުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. ހަންނާނަކީ ތައުލީމު ދާއިރާގައި ވަރަށް ގިނަ އަހަރުތަކަކު މަސައްކަތް ކުރެއްވުމަށްފަހު މިހާރު އަމިއްލަ ވިޔަފާރީގައި އުޅުއްވާ ބޭފުޅެކެވެ.

ތައުލީމީ ދާއިރާގައި ހަންނާން ވަނީ 2013 އިން 2019 އަށް ވިލާ ކޮލެޖުގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ މެނޭޖަރެއްގެ މަގާމު އަދާކުރައްވާފަ އެވެ. މީގެއިތުރުން ހދ. ހަނިމާދޫ ސުކޫލާއި، ރ. އިނގުރައިދޫ ސޫކޫލާއި، ނ. މާފަރު ސުކޫލާއި، ރ. ހުޅުދުއްފާރު ސުކޫލުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ކަން ކުރައްވާފައިވެ އެވެ.

އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހަންނާން ހިމެނެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.