އާދަމް ޝަރީފު އުމަރު

ރިޔާސީ ކެމްޕޭން ފަށާނީ ކޮމަންޑޫ ގޮނޑި ކާމިޔާބުކުރުމަށްފަހު: އާދަމް ޝަރީފް

Feb 3, 2022

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން އިދިކޮޅު ޕީޕީއެމުން ފަށަނީ ރައްޔިތުންގެ މަޖިިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރުމަށްފަހު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެެވެ.

ކޮމަންޑޫގައި މިއަދު ބޭއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު -- ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ވިދާޅުވީ ހޮނިހިރު ދުވަހު ކޮމަންޑޫ ދާއިރާގެ ރައްޔިތުން ލާ ވޯޓަކީ ހަމައެކަނި މޫސާ ފަތުހީއަށް ދޭ ވޯޓަކަށް ނުވާނެ ކަމަށެވެ. އެވޯޓު ކާމިޔާބުކޮށް އެއީ އިދިކޮޅުން ރިޔާސީ އިންތިހާބުގެ ކެމްޕޭން ފަށާ ވޯޓު ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ސާބިތުކަމާ އެކު. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓް މި އިންތިހާބުގައި ކާމިޔާބު ކުރާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މޫސާ ފަތުހީ ހޮވަން އިދިކޮޅުން ކުރި ކެމްޕޭން ކޮމަންޑޫ ދާއިރާގެ ރައްޔިތުން ބަލައިގެންފައިވާތީ ސަރުކާރުން ފައިސާ ބެހިޔަސް ފައިސާގެ ނުފޫޒު އެ ދާއިރާގައި ނުހިނގާނެ ކަމުގައި އާދަމް ޝަރީފް ވިދާޅުވި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު މަޖިލީހުގައި އިއްވެވި ރިޔާސީ ބަޔާނަށް ފާޑު ވިދާޅުވަމުން އާދަމް ޝަރީފް ވިދާޅުވީ އެއީ ދޮގު ބަޔާނެއް ކަމަށެވެ. އެކަން އެނގެނީ ރައީސް ސޯލިހާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ޖަލްސާ އަށް މަދު ބަޔަކު ދިއުމުން ކަމުގައި ވިދާޅުވި އެވެ. އެހެންވެ ކެމްޕޭން ހުއްޓާލުމަށްވެސް އާދަމް ޝަރީފް ވަނީ އެމްޑީޕީ އަށް ގޮވާލައްވާފަ އެވެ.

މިޖަލްސާގައި ފަތުހީ ވިދާޅުވީ ސަރުކާރުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް އެމްޑީޕީއާއި ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން މިއަދު އެ މައްސަލަތައް ނުބެލުނު ނަމަވެސް ޕީޕީއެމް އަށް ބާރު ލިބޭ ދުވަހަކުން އެ މައްސަލަތައް ބަލާނެ ކަމުގައި ވިދާޅުވި އެެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ކެމްޕޭންގެ ފޯރި ވަނީ ވަރަށް ގަދަވެފަ އެެވެ. ކެމްޕޭން ހަރަކާތްތައް މާދަމާ އިރުއޮއްސި 6:00 ޖެހުމާ އެކު ހުއްޓާލަންޖެހޭނެ އެެވެ

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 3،309 މީހުން ވޯޓުލުމަށް ހަތް ވޯޓް ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން ފޯކައިދޫގައި ދެ ވޯޓް ފޮށި މަރޮށީގައި ވޯޓް ފޮއްޓެއް އަދި ކޮމަންޑޫގައި ދެ ވޯޓް ފޮށި ބަހައްޓަ އެވެ. މާލޭގައިވެސް ދެ ވޯޓް ފޮށި ބަހައްޓާނެ ކަމަށް ކޮމިޝަނުން ބުނެ އެވެ. އެ ދެ ވޯޓް ފޮށި ވެސް ހުންނާނީ އިސްކަންދަރު ސުކޫލުގަ އެވެ.