މަޑިވަރު

މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ޅ. މަޑިވަރުގައި ތަރައްގީ ކުރި އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް ޖައްސައިފި އެވެ.

އެ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސާފައި ވަނީ މިއަދު ހެނދުނު 09:50 ހާއިރު އެވެ. އެއާޕޯޓްގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

އެ ފްލައިޓްގައި ފުރަތަމަ އެ އެއާޕޯޓަށް ވަޑައިގެންނެވީ އެއަޕޯޓުގެ ކަންކަން ބެއްލެވުމަށް ވަޑައިގެންނެވި ޓެކްނިކަލް ޓީމުގައި ހިމެނޭ ބޭފުޅުންނެވެ.

ޓެސްޓް ފްލައިޓް ޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ސިޓީ ހޮޓަލާއެކު މަޑިވަރުގައި ރީޖަނަލް އެއާޕޯޓެއް އަޅަން މަޝްހޫރު ޓޫރިޒަމް ކުންފުނި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކުރީ 29 މެއި 2018 ގައެވެ

ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރި ކަމަށް ކުރެއްދޫ ހޯލްޑިންސްއިން ކުރިން ބުނެފައިވެ އެވެ.

މަޑިވަރު އެއާޕޯޓަކީ ރާއްޖޭގައި ހަދާފައިވާ ރީޖަނަލް އެއާޕޯޓުތަކެކޭ އެއް ސައިޒުގެ އެއާޕޯޓެކެވެ. މި އެއާޕޯޓުގެ މަސައްކަތް ކޮށްފައިިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ގިނަ މަސައްކަތްތަކެއް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ.