ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިދުމަތްތައް ހެޔޮހިތުން ބަލައިގަންނަ ދުވަހެއް ދެކެން ބޭނުން: ރައީސް

Dec 27, 2021
4

ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުން ހެޔޮ ހިތުން ބަލައިގަންނަ ހިދުމަތްތަކަށް ވެގެންދާ ދުވަސް އެމަނިކުފާނު ދެކިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ހިންގުމުގެ ދާއިރާގެ އިސްމުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް އިފްތިތާހުކުރުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާވިސް ޓްރޭނިން ޔުނިޓާއި، ސިވިލް ސާވިސް ޓްރޭނިން އިންސްޓިޓިއުޓް ގުޅިގެން ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ގޮތަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ނަތީޖާއަކަށް ވާނީ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅުވެގެން ދިއުން ކަމުގައި ރައީސް އޮފހުން ބުނެ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބެފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި ބަދަހި ގުޅުމެއް އުފައްދަންޖެހޭ ކަމަށެވެ. މި ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ކުރުމާ ހަވާލުވީ ރައްޔިތުންނަށް ބޭނުންވާ ވަރަށް ގިނަ އަސާސީ އަދި އިޖުތިމާއީ ހިދުމަތްތަކެއް، ވަކި މުއްދަތުތަކެއްގައި ފުރިހަމަކޮށްދޭން ވައުދުވެގެން ކަމަށެވެ. އެއީ ވަކި ފަރުދަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެކަނި ފުރިހަމަކުރެވޭނެ ވައުދުތަކެއް ނޫން ކަމަށްވެސް ފާހަގަކުރެއްވި އެވެ. އެހެންކަމުން މި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ނަތީޖާ ހާސިލްކޮށް އެ ނަތީޖާ ނެރެވޭނީ ސަރުކާރުގެ ހުރިހާ މުއައްސަސާތައް ގުޅިގެން އެއް މިސްރާބަކަށް ދަތުރުކޮށްގެން ކަމުގައި ވިދާޅުވި އެވެ.

"ގައުމީ ތަރައްގީއާ ގުޅިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައްޔާއި، މި ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެންމެ ކުރީ ސަފުގައި ތިއްބަވަންވީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައި ތިއްބެވި ބޭފުޅުން. އަދި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ، ކަންކަމުގައި ބަސްކިޔައި ގޮތް ނިންމުމާ އެކީ އަމަލީ ގޮތުން ކަންކަން ކުރަން ޖެހޭ ބޭފުޅުން. އެހެންވީމާ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބެފުޅުންނާއި ސިވިލް ސާވިސްގެ މުވައްޒަފުންގެ މެދުގައި ބަދަހި ގުޅުމެއް އޮތުން މުހިއްމު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އާންމު ރައްޔިތުންނާއި ސަރުކާރާ ދެމެދު މުއާމަލާތްކުރުމަށް މިހާރު އޮތީ ވަރަށް ފުޅާ މަގެއް ގާއިމުކުރެވިފައި ކަމަށެވެ. އެގޮތުން އެމީހަކު ހުރި ރަށަކުން ހުރި ތަނަކުން، އިންޓަނެޓްގެ ޒަރީއާއިން ގަވް.އެމްވީ މެސެޖުގެ ހދުމަތް މެދުވެރިކޮށް ސަރުކާރާ މިހާރު މުއާމަލާތު ކުރެވޭނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ ޒަމާން އަރާ ހަމަކޮށްފައިވާއިރު ސަރުކާރު ހިންގުމުގެ ދާއިރާއަށް ޓެކްނޮލޮޖީގެ ލުއިފަސޭހަތައް ތައާރަފް ކުރިޔަސް، އެކަމުގެ ލުއިފަސޭހަކަން ލިބޭނީ ހިދުމަތް ދޭން ތިބޭ މުވައްޒަފުން ޓެކްނޮލޮޖީއަށް އަހުލުވެރިވި މިންވަރަކުން ކަމުގައިވެސް ވިދާޅުވި އެވެ.

ސަރުކާރުން ހިދުމަތް ދިނުމުގެ ވައްޓަފާޅިއަށް ވެސް އަދި އުސޫލުތަކަށް ވެސް މިހާރު ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް ފާހަގަކުރެއްވި އެވެ. ސަރުކާރު އޮފީސްތަކުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މިވަގުތު ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަމަކީ ސަރުކާރު އޮފީސްތަކުގެ ސާވިސް ޗާޓަރުތައް ތައްޔާރުކޮށް އާންމުކުރުން ކަމުގައިވެސް ވިދާޅުވި އެވެ.