ރައީސް އޮފީސް

އެމްއެންޔޫ މެޑިކަލް ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތައް ރައީސް އޮފީހަށް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ -- މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ސްކޫލް އޮފް މެޑިސިންގައި ކިޔަވަމުން އަންނަ ދަރިވަރުން ކިޔަވަމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުން ނުކުންނަން ޖެހިދާނެ ކަމަށް އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައިފި އެވެ.

އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނީ އެ ޔޫނިއަންގެ އެދުމުގެ މަތިން ހުކުރު ދުވަހުގެ ރޭ 8:30ގައި ރައީސް އޮފީހުގެ ކަމާބެހޭ އިސްބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުމުގައި އައިޖީއެމްއެޗް އަދި އެމްއެންޔޫގެ އިސްބޭފުޅުން ބައިވެރިވި ކަމަށްވެސް އެ ޔޫނިއަން އިން ބުނެ އެވެ.

މި ބައްދަލުވުމުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން ދަރިވަރުންގެ ހުރި ވަރަށް ގިނަ ކަންބޮޑުވުންތަކެއް ތަފުސީލުކޮށްދީފައިވާ ކަމަށް ސްޓޫޑެންޓް ޔޫނިއަން އިން ވަނީ ބުނެފަ އެވެ.

ސްޓޫޑެންޓް ޔޫނިއަން އިން ބުނި ގޮތުގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން މި ބައްދަލުވުމުގައި ސަރުކާރުން ވަނީ ދީފަ އެވެ. އަދި ދަރިވަރުންގެ ތައުލީމީ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރި ވެވަޑައިގެން، އެކަމަށް އިސްކަން ދެއްވާކަމާއި މިހާރަށްވުރެ ފުރިހަމަ ފެސިލިޓީތައް ގާއިމުކޮށްދޭނެކަމުގެ ޔަގީންކަންވެސް އަރުވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ސަރުކާރުގެ ފަރާތުން ދަރިވަރުންނަށް ދެރަ ގޮތް ނުވާނެ ކަމުގެ އުއްމީދު ދީފައިވާތީ ދަރިވަރުންނަށް ތަަސައްލީއެއް ލިބިފައިވާ ކަމަށް ސްޓޫޑެންޓް ޔޫނިއަން އިން ބުނެ އެވެ.

"މިކަމަކީ އެތައް ހާސް ދަރިވަރުންގެ މަސްލަހަތު ހިމެނޭ ކަމަކަށްވެފައި، މެޑިސިން ކިޔަވާ އަޅުގަނޑުމެންގެ 200 އެތަކެއް ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލްގެ އަށެއް އަދި 14 ވަނަ ފަންގިފިލާގައި ތިބެވޭނެ ކަމަށް ކުރެވޭ އުއްމީދު ވަނީ އާވެފަ،" ސްޓޫޑެންޓް ޔޫނިއަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ސްޓޫޑެންޓް ޔޫނިއަން އިން އިތުރަށް ބުނީ މި މައްސަލައަށް ދާއިމީ ހައްލަކާ ހަމަޔަށް ދިއުމަށް ގިނަ ދުވަސްތަކެއް ހޭދަވާނެތީ މިހާރު ދަރިވަރުން ކިޔަވަމުން އަންނަ އިމާރާތުގައި ދަރިވަރުންގެ ކިޔެވުން ކުރިއެކޭވެސް އެއްފަދައިން ކުރިޔަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ހުރިހާ ދަރިވަރުންގެވެސް އެދުމެއް ކަމަށެވެ.