އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލްގެ އައުޓް ޕޭޝަންޓް (އޯޕީޑީ) ގެ ހިދުމަތް މިއަދަށް ބަންދުކޮށްފި އެވެ.
އެ ހޮސްޕިޓަލްތަކުގެ އޯޕީޑީ ހިދުމަތް މިއަދު ބަންދުކުރީ ބޯކޮށް ވާރޭވެހި ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިވެ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވުމާއި ހޮސްޕިޓަލް ސަރަހައްދުގައި ފެން ބޮޑުވުމުގެ ސަބަބުން ކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފަ އެވެ.
"ހޮސްޕިޓަލް ސަރަހައްދުގައި ފެންބޮޑުވެ، ބަލި މީހުންނަށް ހޮސްޕިޓަލަށް އައުމާއި އަދި އެނބުރި ދިއުމަކީ ތަކުލީފަކަށް ވާނެތީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމް ހޮސްޕިޓަލް އަދި ވިލިމާލޭ ހޮސްޕިޓަލުގެ އޯޕީޑީތައް ބަންދުވާނެ،" އައިޖީއެމްއެޗް އިން ބުނެފައިވެ އެވެ.
އޯޕީޑީ ހިދުމަތްތައް ބަންދުކުރި ނަމަވެސް އައިޕީޑީ އަދި އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިސް ވަންދެން މެދުނުކެނޑި ބޯކޮށް ވާރޭވެހި އަދި ބައެއް ސަރަހައްދު ތަކުގައި ފެންބޮޑުވެ، އެކަމުގެ ސަބަބުން ވަރަށް ގިނަ ރައްޔިތުންނަށް ދަތިވެ، ތަކުލީފުތަކެއް ލިބިފައިވާތީ މިއަދަކީ ސަރުކާރުގެ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަޖައްސަވާފަ އެވެ.