މަސްތުވާތަކެތި

އިދާރާތައް ޑްރަގު ބޮޑުންގެ އަތްދަށުގައި

މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ މިވަނީ ބަނަކޮށްލައިފަ އެވެ. ބޮޑެތި އަދަދުތަކުން ފުލުހުން މަސްތުވާތަކެތި އަތުލައިގަންނަ އަދަދު އިތުރުވެއްޖެ އެެވެ. އެކަމަކު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވޭނެ މަގެއް ފެންނާކަށް އެވެ. ހާލަތު އޮތްގޮތުން ފެންނާނެ ކަމުގެ އުއްމީދެއް ވެސް ނެތެވެ. އެކަން ޔަގީންވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އަންގާރަ ދުވަހު ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކުންނެވެ.

ދޫނިދޫގައި 315 ކިލޯގެ މަސްތުވާތަކެތި ނައްތާލުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި ހިއްސާވާ ސިޔާސީ ބޭފުޅުން އުޅުއްވާ ކަމަށެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ހައްޔަރުކުރިޔަސް ސިޔާސީ ބޭފުޅުންގެ ނުފޫޒުން އެމީހުން ސަލާމަތް ކުރާ ކަމަށް ދޭހަވާ ގޮތަށް އިމްރާން ވާހަކަދެއްކެވި އެވެ. މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅުއްވާ ސިޔާސީ ބޭފުޅުންނާއި އެ ވިޔަފާރި ކުރާ މީހުން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އަމިިއްލަ ނަފްސަށާއި އެހެން މީހުންނަށްވެސް އޮތް ނުރައްކަލެއްގެ ބޮޑު ކަމުން އެބައެއްގެ ނަންތައް ހާމަކުރާކަށް ކެރިވަޑައެއް ނުގަތެވެ. ހާދަ ފިޑި ވަޒީރެކޭ ހިތަށް އަރަ އެެވެ.

ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ޑްރަގް ކާޓަލްތަކާއި ޑްރަގް ލޯޑުން އެބައުޅެ އެެވެ. ގަބޫލުކުރަން ދަތިވި ނަމަވެސް މިއަދު ރާއްޖެއަކީ މަސްތުވާތަކެތި އެއް ގައުމުން އަނެއް ގައުމަށް ގެންދިއުމަށް ބޭނުންކުރާ މަޝްހޫރު ޓްރާންސިޓް ހަބެކެވެ. ވަޔާއި އެއްގަމާއި ކަނޑު މަގުން ވެސް ފަސޭހަ ކަމާ އެކު ބޮޑެތި އަދަދުތަކުން ބަޔަކު އެދަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަމުންނެވެ. އެމީހުން އެ ހަލާކުކޮށްލަނީ ދިވެހިންގެ އެތައް ޖީލެކެވެ. މިހާ ނުރައްކާތެރި ބައެއްގެ ނަން ހާމަކުރަން މިނިސްޓަރު އިމްރާނަށް ކެރިވަޑައިނުގަންނަވާނަމަ ހޯމް މިނިސްޓަރަކަށް ހުންނެވުމުގެ ބޭނުމެއް ނެތެވެ. މަސްތުވާތަކެތީގައި އުޅޭ މީހުންގެ ވާހަކަ ނޫސްވެރިން ދެއްކުމަށް މިނިސްޓަރު އިމްރާން ވިދާޅުވުމަކީ އަދި މާދެރަވަރު ވާހަކަފުޅެކެވެ.

ފުލުހުން ހިންގާ މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ފެއިލްކޮށްލުމަށް ސަރުކާރުގެ ތެރޭގައި އިސް ދައުރެއް އަދާކުރާ ބަޔަކު އުޅެ އެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެކަން ދޮގުކުރާކަށް ކެރިވަޑައެއް ނުގަތެވެ. އެފަދަ މީހުން ތިބިކަން މުޅިން ކަށަވަރު ވާނީ ތަހުގީގަކަށް ފަހު ކަމަށް ސީޕީ ވިދާޅުވީ އެހެންވެގެންނެވެ.

"އަޅުގަނޑުމެން ބަލާނަން މިވަގުތު ސަރުކާރު މުއައްސަސާތަކުން އަޅުގަނޑުމެން ކުރާ މަސައްކަތަށް ހުރަސް އަޅަން ތިބީ. ކޮން ބައެއްތޯ ކިހާ މީހުންނެއްތޯ އެކަމުގެ ތެރޭގައި ތިބީ. އެމީހުން ކީއްތޯ ކުރަނީ އެއީ އަޅުގަނޑުމެން އަބަދުވެސް ބަލާނެ ކަންތައްތައް. އެކަމަކު ސާފުކޮށް އެކަން އެގޮތަށް ނެތެކޭ ވެސް އަޅުގަނޑު ނުދަންނަވާނަން," ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގުތަކުގައި ކުރިން އުޅުއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ފުލުހަކު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ބަޔަކު ފާޅުކަން ބޮޑު ގޮތަކަށް ހޯމް މިނިސްޓަރަށް އަދި ސީޕީ އަށް އެނގިވަޑައިގަންނަވާނަމަ އެ ބަޔަކު ހިފާ ހައްޔަރުކުރެވޭނެ ގާނޫނީ ކޮންމެވެސް ގޮތްތަކެއް ހޯދަންޖެހޭނެ ކަމަށެވެ. އެކަން ނުކުރެވޭނަމަ ސިޔާސަތު ކަނޑައަޅުއްވަން އެ ބޭފުޅުން ތިއްބެވުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ މީހުން ހިފާ ހައްޔަރުނުކުރެވޭނަމަ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމީހުންގެ މައުލޫމާތު ހާމަކުރެވެން ވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ސާފުކަން ބޮޑު ގޮތެއްގައި އެމީހުންނަކީ ކޮން ބައެއްކަން އެނގިވަޑައިގަންނަވާކަމަށް ވިދާޅުވެ، އެމީހުންގެ ނަން ހާމަނުކޮށް، އެމީހުންނާ ދެކޮޅަށް ފިޔަވަޅެއް ނާޅުއްވާ އުޅުއްވާތީ ސާފު ވަނީ މިނިސްޓްރީއަށާ ފުލުހުންނަށް އަދި ހުދު މިނިސްޓަރަށް ވެސް އެ ވިދާޅުވާ ބައެއްގެ ނުފޫޒު އޮތް މިންވަރު. ސިސްޓަމް ތެރޭގައި ތިބެގެން ބޮޑެތި ޑްރަގު ޑީލަރުންނާ ގުޅިގެން ޖަރީމާތައް ހިންގަން އެތިބި ބަޔަކީ ކޮން ބައެއްކަން ރައްޔިތުންނަށް ހާމަކޮށްދޭން ޖެހޭ. އެއީ ރައްޔިތުންގެ ހައްގެއް. އެމީހުންގެ ނަންތައް ސިއްރުކޮށްގެން މިނިސްޓަރަށް ނުހުންނެވޭނެ،" ނަން ހާމަކުރަން ބޭނުން ނުވާ ކުރީގެ އޮފިސަރު ވިދާޅުވި އެވެ.

މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންގެ ތެރެއިން ވެސް އެންމެ އިސް މީހުން ފުލުހުންގެ ތަހުގީގުގެ ތެރެއިންނާއި ޝަރުއީ ކޯޓުތަކުގެ ތެރެއިން ސަލާމަތްވެގެން ދަނީ ނިކަން ފަސޭހަކޮށެވެ. އެކަން އެ މަގުން ހިނގަނީ ގާނޫނުގައި އޮތް އުނިކަމެއް ދައްކައިގެން ކަމަށް އާންމު މީހާގެ ލޮލަށް ދެއްކި ނަމަވެސް އެންމެންނަށް އެނގޭ ހަގީގަތަކީ އެ މަގު ހޯދަނީ ސިޔާސީ ނުފޫޒާއި ބާރުވެރި ފަރާތްތައް ބޭނުންކޮށްގެން ކަމެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ އަތުން ފައިސާ ނަގައިގެން އުޅޭ ސިޔާސީ މީހުން މިއަދު އެބައުޅެ އެވެ. އެމީހުންނާ އެކު، އެކި ނަންނަމުގައި ވިޔަފާރި ކުރާ ސިޔާސީ މީހުން ވަރަށް ގިނަ އެވެ. ޑްރަގު ޑީލަރުންގެ އަތްދަށުގައި ބްލެކްމެއިލްވެ ފިތިފައި ތިބި ސިޔާސީ މީހުން ބައިވަރު އެބައުޅެ އެވެ. މި ހުރިހާ ސަބަބުތަކާ ހެދި ދައުލަތުގެ އިދާރަތައް ވަނީ މަސްތުވާތަކެތީގެ ބޮޑުންގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފަ އެވެ. އިދާރާތައް ވަނީ އެމީހުންގެ ނުފޫޒުގައި ޖެހިފިތި ޣަރަގުވެފަ އެެވެ.

އެކަމުގެ އެންމެ ބޮޑު އެއް ހެއްކަކީ މިދިޔަ އޮކްޓޫބަރު މަހު ފުލުހުން އަތުލައިގެން 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ އެންމެ ބޮޑު ދެ ޑީލަރުން ސަލާމަތްވުމެވެ. ހަމައެކަނި ސަލާމަތްވީކީ ވެސް ނޫނެވެ. ދައުލަތުގެ އެއްވެސް އިދާރާއަކަށް އެއީ އެ މައްސަލާގައި ހިމެނޭ އެންމެ ބޮޑު ދެ ޑީލަރުން ކަމަށް ބުނެލަން ވެސް ނުކެރުނެވެ. ދައުލަތުގެ އިދާރާތަކަށް މަސްތުވާތަކެތީގެ ބޮޑުންގެ ނުފޫޒު ވަދެފައި އޮތް މިންވަރު އެ އޮތީ ހާމައަށް ފެންނާށެވެ.

މަސްތުވާތަކެތި ވިއްކާ މީހުން އެ ވިޔަފާރިކޮށްގެން ހޯދާ ކަޅު ފައިސާ އެކި ވިޔަފާރިތަކުގައި އިންވެސްޓްކޮށް އެ ފައިސާ ދޮވެ، އިގްތިސޯދުގެ ތެރޭގައި ދައުުރުކުރަމުން އެދަނީ ވެސް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބާރުގަދަ އަތްތައް ބޭނުންކޮށްގެންނެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން އުޅޭ އަގުބޮޑު ދިރިއުޅުމަކީ ވެސް ކަމާ ގުޅޭ އިދާރާތަކަށް އެނގޭ ކަންކަމެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ރާއްޖޭގެ މާލީ ނިޒާމުގެ ތެރޭގައި ދައުކުރާ ގޮތާއި، ސިސްޓަމް ތެރެއަށް ވައްދައިގެން އެ ފައިސާ ދޮންނަ ގޮތް ދެނެގަންނާނެ ކަމަށް ސީޕީ ހަމީދު ވިދާޅުވި ނަމަވެސް އެއީ ފުލުހުންނަށް މިހާރު ވެސް އެނގޭނެ މައުލޫމާތުކަން ޔަގީނެވެ. ބައެއް ކަހަލަ ވާހަކަ އެ ބޭފުޅުން އެ ދައްކަވަނީ މަސްއޫލިއްޔަތާއި ޒިންމާއިން ރެކިވަޑައިގަތުމުގެ ބޭނުމުގަ އެވެ.

"އަޅުގަނޑުމެންގެ މާލީ ނިޒާމުތެރޭ ފައިސާ ދައުރުކުރާ ގޮތާ، ސިސްޓަމް ތެރެއަށް ވައްދައިގެން ދޮވުމުގެ މަސައްކަތްތަކާ، ޖާއިޒުކަން ދައްކައިގެން ކުރާ މަސައްކަތްތަކަށް ބެލުމަށް ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި މަސައްކަތް ކުރާނަން. ފައިސާގެ ބައި އެކަނިވެސް އަޅުގަނޑުމެން އެބަ ތަހުގީގުކުރަން. ބޯޑާ އެންފޯސްމެންޓްގައި ބައެއްކަހަލަ ބަލިކަށިކަން އެބަހުރި. އެކަންކަން ވެސް ހަރުކަށިކޮށްގެން މިކަމަށް ހައްލެއް ލިބޭނީ،" ސީޕީ ހަމީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްކޮށް ހުންނަވައިގެން މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ހާއްސަ ޓާސްކް ފޯހެއް ވެސް މިހާރު އެވަނީ އެކުލަވައިލައިފަ އެވެ. އެ މައްސަލައިގެ ތެރެއަށް ގައުމުގެ އިސްވެރިޔާ ވަންނަވާނީ ހާލަތު ވަރަށް ބޮޑަށް ގޯސްވީމަ އެވެ. ކޮންމެ އަހަަރަކު މުޅިން އަލަށް 500 މީހުން މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށް ވަންނަ ކަމަށް ސީޕީ ހަމީދު ވިދާޅުވުމަކީ ވަރަށް ނުރައްކާތެރި ހާލަތަކަށް ރާއްޖެ ގޮސްފައި އޮތް ކަމުގެ ހެއްކެކެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ނުފޫޒުގައި ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކަސްތޮޅު އެޅިފައި އޮތް ކަން ޔަގީންވެއްޖެ އެވެެ.