ފުލުހުންގެ އިދާރާ އަކީ އަބަދުވެސް ފާޑުކިޔުން ބޮޑު އިދާރާ އެކެވެ. ސިޔާސީ ބޭފުޅުން ވަކިން ބޮޑަށް ރުޅިއަރާ ތަނެކެވެ. ތަނުގައި ތިއްބެވި ބައެއް އިސް އޮފިސަރުންނަށް ކުރެވޭ ބޮޑެތި ތުހުމަތުތަކެއް ވެސް އެބަހުއްޓެވެ. އެކަމާ ގުޅިގެން މުޅި މުއައްސަސާއަށް އޮންނަ އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. އެހެންވެ ފުލުހުންގެ އިދާރާގެ ހިންގުން ހަރުދަނާ ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އެކަން ހާސިލްކުރުމަށްޓަކައި ސަރުކާރުން ވަނީ ފުލުހުންނަށް އާ ގާނޫނެއް ގެނެސްދީފަ އެވެ. އާ ގާނޫނުގެ ދަށުން އަޅާ ފިޔަވަޅުތަކާއި އެކު އިސްލާހީ ބަދަލުތަކެއް ފެންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.
ޖުމްލަކޮށް ގާނޫނަށް އެއްޗެއް ބުނާނަމަ އެއީ ފުރިހަމަ ގާނޫނެކެވެ. ފުލުހުންގެ އިދާރާ އަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގައި ގާނޫނު މުހިއްމު ދައުރެއް އަދާކުރާނެ އެވެ. މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު އަމަލުކުރަން ފެށި ގާނޫނުގެ އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ޖަވާބުދާރީ ކުރުވުމަށް މުޅިން އާ ހަރުދަނާ އޮނިގަނޑެއް އުފައްދަން ފުރުސަތު ދީފައި އޮތުމެވެ. ވަކިން ހާއްސަކޮށް އާ ގާނޫނު ވުޖޫދުވެގެން އައި އިރު ފުލުހުންގެ ލީޑާޝިޕްގެ ބޭފުޅުން ހިމެނޭ ކޮމިޝަންޑް އޮފިސަރުންގެ މަގާމުގައި ތިއްބެވި ބޭފުޅުންގެ މަގާމު ދާއިމީ ކުރުމުގެ ކުރިން ގޮތްތަކެއް ނިންމަން ޖެހެ އެވެ. ފުލުހުންގެ ލީޑަޝިޕްގައި ތިއްބެވީ ގާބިލް ބައެއްތޯ ކަނޑައަޅަން ޒިންމާ ހަވާލުކޮށްފައި އޮތީ ޕޮލިސް ބޯޑަށެވެ. އެއީ ވެސް އާ ގާނޫނުގެ ދަށުން އެކުލަވާލެވުނު ހަތް ބޭފުޅުންގެ ބޯޑެކެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަސް ތެރޭގައި ކޮމިޝަންޑް އޮފިސަރުންނާ މެދު ޕޮލިސް ބޯޑުން ގޮތް ނިންމަންޖެހެ އެވެ. އިއްޔެ އަށް ވަނީ އެ މުއްދަތު ހަމަވެފަ އެވެ.
ކޮމިޝަންޑް އޮފިސަރުންގެ ތެރޭގައި ހިމެނެނީ ކޮމިޝާނާ އޮފް ޕޮލިސް (ސީޕީ) ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ބޭފުޅުންނެވެ. ކޮމިޝަންޑް އޮފިސަރުންނަށް ފިޔަވަޅު އެޅުމުގައި މައިގަނޑު ގޮތެއްގައި ބަލަންޖެހެނީ ފުލުހަކަށް ވީތީ އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވިފައިވާނަމަ އެ މައްސަލަތަކަށެވެ. އެފަދަ ތުހުމަތުތައް ކުރެވޭ އޮފިސަރުން ފުލުހުންގެ ތެރޭގައި އެބަތިއްބެވެ. އެކަމަކު ކޮމިޝަންޑް އޮފިސަރުންނާ މެދު ގޮތް ނިންމަވާއިރު އެއްވެސް އޮފިސަރަކާ ދެކޮޅަށް ޒާތީކޮށް އެއްވެސް ކަމެއް ނުހިނގާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވަ އެވެ. ބޯޑުގެ ނިންމުން ތަންފީޒު ކުރާ ފަރާތަކީ ކޮމިޝަނާ އޮފް ޕޮލިސް އެވެ.
"އަޅުގަނޑު ގަބޫލު ކުރަނީ އެއީ ފެއާ ޕްރޮސެސްއަކަށޭ ވާނީ. މިއީ 2004 ވަނަ އަހަރުން ފެށިގެން ތަފާތު އެތައް ކަމެއް ތަޖުރިބާކޮށްފައިވާ މުއައްސަސާއެއް. ވީމާ މީގެތެރޭގައި ތިބޭނެ ބައެއްގެ ލޮލުގައި ތަންކޮޅެއް ބޮޑަށް ފާހަގަވާ ބޭފުޅުން. އެކަން އެ ކުރަނީ މި އިދާރާ ހިންގަން ތިބި މީހުންގެ ގާބިލްކަން އިތުރުކޮށް އިތުބާރު ބޮޑުކުރަން،" އޮފިސަރުންނަށް ފިޔަވަޅު އެޅުމާ މެދު ސީޕީ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރެއްވި އެވެ.
ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ އޮފިސަރުންނާއި ވަޒީފާ އިން ވަކިކުރަންޖެހޭ އޮފިސަރުންނާ މެދު ޕޮލިސް ބޯޑުން މިހާރު ވަނީ ގޮތްތަކެއް ނިންމާފަ އެވެ. އަދި ވަޒީފާ އިން ވަކިކުރަން ފެންނަ އޮފިސަރުންގެ ނަންތައް ކަމާ ގުޅުންހުރި ބޭފުޅުންނާ ވަނީ ހިއްސާކޮށްފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ޕޮލިސް ބޯޑުގައި ހިމެނޭ މެންބަރަކު ވިދާޅުވީ ކޮމިޝަންޑް އޮފިސަރުންތަކެއް ފުލުހުންގެ ވަޒީފާ އިން ވަކިކުރުމަށާއި ބައެއް އޮފިސަރުންނަށް ތަފާތު އެހެން ފިޔަވަޅުތައް އެޅުމަށް އެންގިފައިވާ ކަމަށެވެ. ނަމަވެސް އެ ބޭފުޅުންގެ ނަންތައް ހާމަކުރާނަމަ އެކަން ކުރާނީ ފުލުހުންގެ އިދާރާ އިން ކަމަަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ވަގުތު މިކަމުގައި ހޭދަކޮށް، ލިބުނު މައުލޫމާތާއި ފެންނަން ހުރި ހެއްކަށް ބިނާކޮށްފައި ބޯޑުން ނިންމި ކޮންމެ ނިންމުމެއް ނިންމާފައިވަނީ. އަޅުގަނޑުމެން ގަބޫލުކުރަނީ އިންސާފުވެރި ނިންމުންތަކެއް ނިންމިފައިވާ ކަމަށް،" ބޯޑު މެންބަރު ވިދާޅުވި އެވެ.
ފުލުހުންގެ އިދާރާ އިތުރަށް ހަރުދަނާކޮށް، މައްސަލަތައް ހައްލުކުރަން ލަފާ ދޭނެ ޕޮލިސް ބޯޑެއް އާ ގާނޫނުގެ ދަށުން އެކުލަވާލާފައި އޮތުމަކީ ހެޔޮ ބަދަލެއްގެ ގޮތުގައި ސީޕީ ސިފަކުރައްވަ އެވެ. އެކަމަކު ބޯޑުގައި ހިމެނޭ ބައެއް މެންބަރުންނަކީ ސިޔާސީ ބޭފުޅުންނަށް ވެފައި ފުލުހުންގެ ތަހުގީގަށް މީގެކުރިން ހާޒިރުކުރެވުނު ބޭފުޅުން ކަމަށްވާތީ ބޯޑުގެ މިނިވަންކަމާ ދޭތެރޭ ބައެއް މީހުން ސުވާލު އުފައްދަ އެވެ. އަދި ފުލުހުންގެ ބޯޑުގައި ހިމެނޭ ބައެއް ބޭފުޅުންނަކީ ފުލުހުންނާ ދެކޮޅަށް ފާޅުގައި މަސައްކަތް ވެސް ކުރެއްވި ބޭފުޅުންނެވެ. އެހެންކަމުން ޕޮލިސް ބޯޑުގެ ނިންމުންތައް މުސްތަގިއްލު އަދި އިންސާފުވެރި ނިންމުމަކަށް ވެދާނެ ކަމާ މެދު ބައެއް މީހުންނަށް ޝައްކު ވަނީ އެވެ. ޒާތީ ކުލަޖެހިގެން ކަންކަން ނިންމާނެ ކަމަށް ބެލެވެނީ އެވެ.
ބައެއް މީހުންގެ ނަޒަރުގައި ފުލުހުންގެ ބޯޑުން ފިޔަވަޅު އަޅަން ނިންމި ކަމަށް މިހާރު ބުނެވޭ އޮފިސަރުންނާ ދޭތެރޭ ވެސް ވަނީ ޒާތީ ގޮތެއް ގެންގުޅުއްވާފަ އެވެ. ފިޔަވަޅު އަޅަން ބޯޑުން ލަފާ ދެއްވާފައިވާ ގިނަ ކޮމިޝަންޑް އޮފިސަރުންނަކީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީގެ އިސް ބޭފުޅުންގެ ފާޑުކިޔުން އަބަދުވެސް އޮތް ބޭފުޅުންނެވެ. އެމްޑީޕީ އަށް ވެރިކަން ލިބިއްޖެނަމަ އެ ބޭފުޅުންނަށް ފިޔަވަޅު އަޅާނެ ކަން މީގެކުރިން ތަކުރާރުކޮށް އިންޒާރު ދީފައިވެ އެވެ. ޕޮލިސް ބޯޑުގައި މެންބަރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މިދެންނެވި އެމްޑީޕީގެ އިސް ބޭފުޅުންނާ އެންމެ އަރިސް ބޭފުޅުންނެވެ. ކަންކަން ހިނގާފައި ހުރި ގޮތުން ޝައްކުތަކާއި ސުވާލުތައް އުފައްދަން ފުރުސަތު ލިބެނީ އެ ސަބަބުތަކާ ގުޅިގެންނެވެ.
ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ޕޮލިސް ބޯޑަށް ބައެއް ބޭފުޅުން އައްޔަންކުރެއްވީ މަޖިލީހުގެ ރުހުމާ އެކު ކަމަށްވާތީ ވަކި ބަޔަކު ޕޮލިސް ބޯޑަށް އައްޔަންކުރުމަކީ ފުލުހުންނަށް ހުއްޓުވޭނެ ކަމެއް ނޫނެވެ. އަދި ފުލުހުންގެ ތަހުގީގަކާ ބައްދަލުވެފައިވާ ބޭފުޅަކު ބޯޑުގައި އިންނެވި ނަމަވެސް ގާނޫނުގައި ބުނެފައިވާ ހަމައާއި އުސޫލުގެ ބޭރުން އެއްވެސް ބޭފުޅަކަށް މަސައްކަތް ކުރުމުގެ ފުރުސަތު އޮތް ކަމަކަށް ސީޕީ ގަބޫލެއް ނުކުރައްވަ އެވެ.
"ރާއްޖެއަށްވުރެ މާބޮޑެތި ގޯސްތައް ހަދާފައި ހުރި ގައުމުތަކުގައި ވެސް މިފަދަ ބޯޑުތައް އެބަހުރި. ބައެއް ގައުމުތަކުގައި މިފަދަ ބޯޑުތައް ހުރީ އެ ގައުމުތަކުގެ ސިޔާސީ ޕާޓީތަކުގެ ސީދާ މަންދޫބުން ވެސް ހިމެނޭހެން އެކުލަވާލާފައި. އެހެންކަމުން މިއީ ހަމައެކަނި ރާއްޖޭގައި އޮތް ކަމެއް ނޫން،" ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް ފިޔަވަޅު އަޅަން ގޮތް ނިންމި ބޯޑުގެ މިިނިވަންކަމާ ދޭތެރޭ އުފައްދާ ސުވާލުތަކުގައި ސީޕީގެ ވިސްނުން ހުރި ގޮތް ހާމަކުރެއްވި އެވެ.
ފުލުހުންނާ ދެކޮޅަށް އާންމުންގެ ބައެއް މީހުން ކުރާ އެންމެ ބޮޑު ޝަކުވާ އަކީ އަނިޔާވެރިވުމެވެ. ގާނޫނާ ހިލާފަށް ހައްގުތައް ހިފެހެއްޓުމުގެ ޝަކުވާ އެވެ. ތަހުގީގުތަކުގައި ތަފާތުކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އެވެ. އެ ވާހަކަތައް ސީޕީ ހަމީދު ވެސް ގަބޫލުކުރައްވަ އެވެ. އެހެންކަމުން ފުލުހުންގެ އާ ގާނޫނާ އެކު މަސައްކަތްތައް ފަށައިގަތުމުގެ ކުރީކޮޅުގައި މާޒީގެ ގޯސްތަކަށް ހައްލެއް ހޯދަންޖެހެ އެވެ. ޕޮލިސް ބޯޑުގެ އެއް ޒިންމާ އަކީ ވެސް އެއީ އެވެ. ކޮމިޝަންޑް އޮފިސަރުންނަށް ފިޔަވަޅު އެޅުމަށް ލަފާ ދިނުމުގެ ބޭނުމަކީ ވެސް އެއީ އެވެ. އެކަމަކު ކަންކަން އިސްލާހުކުރަން އެދޭނަމަ އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ ގާނޫނުގެ ތެރެއިން އިހްލާސްތެރިކަމާ އެކު އެވެ. ދެފުށް ފެންނަ ޖަވާބުދާރީވެވޭނެ ގޮތަކަށެވެ.
ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ މަގާމާ މެދު ޕޮލިސް ބޯޑުން ގޮތް ނިންމާއިރު ރިއާޔަތްކުރަންޖެހޭ ކަންކަން ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ތިންވަނަ މާއްދާގައި ވަރަށް ސާފުކޮށް ބުނެދީފައިވެ އެވެ. ގާނޫނީ އިމުގެ ތެރެއިން އަދި ގާނޫނުގެ ރޫހުގައި ބައެއް އޮފިސަރުންގެ މައްސަލަތަކުގައި އަމަލުކުރެވިފައި ނެތް ކަމަށް ތުހުމަތުކުރެވޭ ބައެއް ބޭފުޅުންގެ ފަރާތުން އެނގިފައިވެ އެވެ. ފިޔަަވަޅު އަޅަން ނިންމި ކަމަށް ބުނާ އޮފިސަރުންނަކީ ފުލުހުންގެ ހިދުމަތުގައި 20 އަހަރަށް ވުރެ ގިނަ އަހަރުގެ އިލްމާއި ތަޖުރިބާ ހުރި ބޭފުޅުންނެވެ. އެހެންކަމުން އެފަދަ އޮފިސަރުންތަކެއް ތަނުން ދޫކޮށްލާއިރު އެއްގޮތަށް ވުރެ ގިނަ ގޮތްގޮތަށް ވިސްނަންޖެހެ އެވެ. ގާނޫނުގައިވާ ހުރިހާ ކަމެއް ފުރިހަމަކުރިތޯ ކަށަވަރުވެސް ކުރަންޖެހެ އެވެ. އެކަމުގައި ސީޕީ ހަމީދު ދެއްވާ ޔަގީންކަމަކީ އެއްވެސް ފުލުހަކާ ދެކޮޅަށް ނުހައްގުން ދައުވާއެއް ކުރާނަމަ ނުވަތަ ގާނޫނާ ހިލާފް ފިޔަވަޅެއް އަޅާނަމަ މުއައްސަސާއިން އެކަމަށް ފާރަވެރިވާނެ ކަމުގެ ޔަގީން ކަމެވެ. އިންސާފު ހޯދައިދޭނެ ކަމުގެ ޔަގީންކަމެވެ.