ޔޫތު މިނިސްޓްރީ

ޕަލާއޫގައި ބާއްވަން އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ހުޅުވާލައިފި

Dec 28, 2021

ޕަލާއޫގައި ބާއްވަން ހަމަޖައްސާފައިވާ ހަތްވަނަ އޯޝަން ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެންމެ ކުދި ގައުމުތަކުގެ ތެރޭގައި ހިމެނޭ ޕަލާއޫގައި އޯޝަން ކޮންފަރެންސް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ 16 އިން 17 އަށެވެ. މިއީ ތަރައްގީވަމުން އަންނަ ކުޑަ ޖަޒީރާ ގައުމެއްގައި މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.

ޔޫތު މިނިސްޓްރީން ބުނީ މި ކޮންފަރެންސް ވެގެންދާނީ ކަނޑުތަކުގެ ރައްކާތެރިކަމަށް ހަރުދަނާ އަދި މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް ގައުމުތަކާއި، މަދަނީ މުޖުތަމައުއާއި، ސިނާއަތްތަކާއި، ޒުވާނުން އަޒުމި ކަނޑައެޅުމަށް ލިބިގެންދާ މުހިއްމު ފުރުސތަަކަށް ކަމަށެވެ.

ޕަލާއު އަށް ދިއުމަށް ދެކޮޅު ޓިކެޓާއި، ފެބްރުއަރީ 13 އިން 20 އަށް އެ ގައުމުގައި ހުރުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދެ އެވެ. ކޮންފަރެންސަށް ދިއުމަށް ޝައުގުވެރިކަން ފާޅުކުރެވޭނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ. ކޮންފަރެންސަށް ދިއުމަށް ކުރިމަތިލެވޭނީ ކަނޑައަޅާފައިވާ ވަކި ދާއިރާއަކުން ރަނގަޅު އަސަރެއްކުރާ ފަދަ މަސައްކަތެއް ކޮށްފައިވާ މީހުންނަށެވެ.

ކަނޑައަޅާފައިވާ ދާއިރާތައް

  • ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާއި، މޫސުމާއި އަދި މާހައުލީނިޒާމް ކުރިއެރުވުން
  • ކަނޑު ތަޣައްޔަރު ކުރާ މައްސަލަތައް ހައްލުކުރުން
  • މޫސުމާއި ކަނޑުގެ ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރުން
  • ނޫ އިޤްތިސޯދު ދެމެހެއްޓުމަށް މަސައްކަތްކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުން
  • ކަނޑުގެ ރައްކާތެރިކަން ހާސިލްކުރުން

ޕަލާއޫގައި ބާއްވާ ހަތްވަނަ އޯޝަން ކޮންފަރެންސްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.

ޕަލާއޫގެ ރައީސް ސުރަންގެލް އެސް. ވިޕްސް ޖޫނިއަ ވަނީ މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ދައުވަތު އަރުއްވާފަ އެވެ.

އާބާދީގައި 18،000 މީހުން ދިރިއުޅޭ ޕަލާއޫ އަކީ ޕެސިފިކް އޯޝަންގެ ހުޅަނގުގައި މުރަކައާއި ފަރުބަދައިގެ މައްޗަށް އެކުލެވޭ 340 ރަށް ހިމެނޭ ޖަޒީރާ ގައުމެކެވެ.