ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ މުދަލެއް ގެއްލިފައެއް ނުވޭ: އަސްވާޑު

ޔޫތު މިނިސްޓްރީއަށް ބަދަލުކުރި އެއްވެސް މުދަލެއް ގެއްލިފައި ނުވާ ކަމަށް ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މިނިސްޓަރު އަސްވާޑު ވިދާޅުވީ ޔޫތު މިނިސްޓްރީއަކީ އަލަށް އުފެދުނު މިނިސްޓްރީ އަކަށް ވެފައި މިހާތަނަށް ހޯމް މިނިސްޓްރީ އާއި ސްޕޯޓްސް މިނިސްޓްރީ އަދި އެންސީއޭގެ ފަރާތުން ބަދަލުކުރި މުވައްޒަފެއް އަދި ތަކެއްޗަކުންވެސް އެއްވެސް މުދަލެއް ގެއްލިފައި ނުވާ ކަމަށެވެ.

އަސްވާޑު ވިދާޅުވީ ނޮވެމްބަރު 17 ގައި އަލަށް އުފެދުނު ސަރުކާރުގެ ނިންމުންތައް ބެލުމުން ޔޫތު މިނިސްޓްރީގެ މަގުސަދުވެސް ވަރަށް ސާފުކޮށް އެނގިގެންދާ ކަމަށެވެ.

"މިއީ ދެ މިނިސްޓްރީއެއް ބައިބައިވެގެން އުފެދުނު މިނިސްޓްރީއެއް ނޫން. މިއީ އާ މެންޑޭޓަކާއެކު އަލަށް އުފެއްދި މިނިސްޓްރީއެއް،" އަސްވާޑު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޔޫތު މިނިސްޓްރީއަކީ އަލަށް އުފެއްދެވި މިނިސްޓްރީއަކަށްވީ ނަމަވެސް މިދިޔަ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ ޔޫތު އެންޕާވަމަންޓް ބައި އޭނާގެ މިނިސްޓްރީއަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ތަނުގައި ހުރި މުވައްޒަފުންނާ ތަކެތި އާންމު އުސޫލުން އަބަދުވެސް މެންޑޭޓްތައް ބަދަލުކުރާ ގޮތަށް ޔޫތު މިނިސްޓްރީއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެގޮތަށް ސްޕޯޓްސް މިނިސްޓްރީގެ މުވައްޒަފުންނާއި ތަކެތި ލިބުނު. އަދި ހޯމް މިނިސްޓްރީން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމުގެ ސެކްޝަން އެއްކޮށް ޔޫތު މިނިސްޓްރީއަށް ބަދަލުކޮށް، އެތަނުގެ މުވައްޒަފުންނާއި ތަކެތިވެސް ލިބުނު. ހަމައެއާއެކު ހެރިޓޭޖް މިނިސްޓްރީގެވެސް ބައެއް މެންޑޭޓުތައް ލިބި، އެ މިނިސްޓްރީގެ ތަކެތިވެސް ލިބިފައިވޭ،" އަސްވާޑު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނޫސްތަކުން ސްޕޯޓްސް މިނިސްޓްރީގެ މުދާތަކެއް ގެއްލިގެން އުޅޭކަން އެނގުމުން އެކަމާ ގުޅުން ހުރި ލިޔެކިޔުމެއް އެ މިނިސްޓްރީއަށް ލިބިފައިވޭތޯ ބައްލައްވައި އެ މައްސަލަ ބަލަން އެތެރޭގެ ތަހުގީގެއް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި ކަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެ މިނިސްޓްރީއަށް ލިބިފައި ނެތް ކަމަށް ވިދާޅުވި އެވެ.

އަސްވާޑު ވިދާޅުވީ ކުރީގެ ސްޕޯޓްސް މިނިސްޓްރީގައި ތިބި މުވައްޒަފުންނަށް އެ މީހުން މަސައްކަތް ކުރަން ބޭނުންވާ މިނިސްޓްރީއެއް ހިޔާރުކުރުމުގެ ފުރުސަތުވެސް ސަރުކާރުން ދިން ކަމަށެވެ. މީގެތެރެއިން ބައެއް މުވައްޒަފުން އެކި ސަބަބުތަކާ ހެދި ސްޕޯޓްސް މިނިސްޓްރީގައި މަޑުކުރަން އެދުނު ކަމަށާއި އެހެންނަމަވެސް ބައެއް މުވައްޒަފުން ބޭނުން ނުވި ނަމަވެސް ޔޫތު މިނިސްޓްރީއަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މި މިނިސްޓްރީއަށް ފޮނުވި މުވައްޒަފުންނަށް ދިން އެއްޗެއް އެނގޭނީ ސްޕޯޓްސް މިނިސްޓްރީއަށް. އަޅުގަނޑުމެން ބެލީ ހަމައެކަނި އެ މުވައްޒަފުންގެ ސިސްޓަމް ހުރިތޯ،" އަސްވާޑު ވިދާޅުވި އެވެ.

ކުރީގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި ހުރި މުދާތަކުގެ ތެރެއިން ގެއްލިގެން ހޯދަނީ އައިޓީ ރޫމުގައި ހުރި ދެ ސީޕީޔޫ އަކާއި ސާވަ ރޫމުގައި ހުރި ދެ މޮނިޓަރަކާއި ނަމާދު ކޮޓަރީގެ ކުރިމަތީގައި ހުރި ހަތަރު މޮނިޓަރަކާއި މީޓިން ރޫމްގައި ހުރި 65 އިންޗީގެ ޓީވީ އެކެވެ.

މިމައްސަލަ ފުލުހުންނަށް ހުށަހެޅީ މިހާރުގެ ޔޫތު މިނިސްޓްރީންނެވެ. މައްސަލައިގައި ތުހުމަތުގައި އެއްވެސް މީހަކާ ސުވާލުކޮށް އެއްވެސް މީހަކު ހައްޔަރުކުރިކަން އެނގިފައެއް ނުވެ އެވެ.