ޔޫތު މިނިސްޓްރީ

ކުރީގެ ސްޕޯޓްސް މިނިސްޓްރީން މުދާތަކެއް ގެއްލުނު މައްސަލައެއް ފުލުހަށް

ކުރީގެ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގައި ހުރި މުދާތަކެއް ގެއްލުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މިމައްސަލަ ފެންމަތިވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ ވަކިކޮށް، ދެ މިނިސްޓްރީއަށް ތަކެތި ބަދަލުކުރުމުގެ ތެރޭގައެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިހާރުގެ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުންނެވެ.

މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވަނީ މިސަރުކާރަށް އެއްމަސް ވެގެންދިޔަ ފަހުން މިމަހުގެ 20 ވަނަ ދުވަހު އެވެ.

މިމައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދިން ނަމަވެސް އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.

"މިމައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" މައްސަލަ އާއި ގުޅިގެން ފުލުހުން އާންމުކޮށް ޖަވާބު ދޭ އުސޫލުން ދިން ޖަވާބުގައި ބުނެފައިވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ގެއްލިގެން ހޯދަނީ އައިޓީ ރޫމުގައި ހުރި ދެ ސީޕީޔޫ އަކާއި ސާވަ ރޫމުގައި ހުރި ދެ މޮނިޓަރަކާއި ނަމާދު ކޮޓަރީގެ ކުރިމަތީގައި ހުރި ހަތަރު މޮނިޓަރަކާއި މީޓިން ރޫމްގައި ހުރި 65 އިންޗީގެ ޓީވީ އެކެވެ.