ހދ. ނޮޅިވަރަމު

ނޮޅިވަރަމު ފުޓްބޯޅަ ދަނޑަށް ގެނައި ޓާފުތަކުގައި ރޯކޮށްލައިފި

ހދ. ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގައި އަޅަން ގެނެސްފައި ހުރި ޓާފުތަކުގައި ރޯކޮށްލައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމު ކައުންސިލުގެ ރައީސް ޔޫސުފް މޫސާ ވިދާޅުވީ ޓާފުތަކުގައި އަލިފާން ރޯވެ އަނދަމުންދާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބުނީ ރޭ މެންދަމު 3:35 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާއިއެކު އެތަނަށް ގޮސް ކައުންސިލާއި ފުލުހުން ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރި ކަމަށެވެ.

ޔޫސުފް ވިދާޅުވީ އަލިފާންގަނޑު ނިއްވާލެވުނީ ހެނދުނު 6:00 ހާއިރު ކަމަށާއި ހުރިހާ ޓާފެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ނުވާ ކަމަށެވެ. އަދި މިއީ ބަޔަކު ގަސްދުގައި ކުރި ކަމެއް ކަމަށް ބެލެވޭކަމަށެވެ.

"އަމިއްލައަށް އަލިފާން ރޮލެއް ނުވާނެ ދެއްތޯ. މިއަށް ވުރެން ވެސް ހޫނު ދުވަސްތައް އައިސްފަ ގޮއްސި،" ޔޫސުފް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވި ގޮތުގައި ޓާފުތަކުގައި ރޯކޮށްލާފައިވަނީ އެ ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅަން ތިން ދުވަހަށްވެފައި ވަނިކޮށެވެ. އަދި މިއީ ރަށުގެ ތަރައްގީއަށް ހުރަސް އެޅޭ އަމަލެއް ކަމަށް ވިދާޅުވި އެވެ.

"އެތައް މިލިއަން ރުފިޔާގެ ގެއްލުންދީ ގަސްތުގައި ރަށުގެ ތަރައްގީއަށް ހުރަސްއެޅުމަކީ ވަރަށް ދެރަ އަދި ފިނޑި އަމަލެއް،" މަހްލޫފު ވިދާޅުވި އެވެ.

ނޮޅިވަރަމު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރާތާ ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މަސައްކަތް ނުނިމި ލަސްވުމާއި ގުޅިގެން އެ ރަށުގެ ރައްޔިތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.